ކޮވިޑުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް، ކޯޓުތަކުން ފޯރުކޮށްދޭ ޚިދުމަތް މެދުކެނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އުއްތަމަފަނޑިޔާރު އަލްއުސްތާޛު މުޢުތަޞިމް ޢަދުނާނު ކޯޓުތަކަށް އަންގަވައިފި އެވެ.

ރާއްޖޭގެ ކޯޓުތަކަށް އުއްތަމަފަނޑިޔާރު ފޮނުއްވި އެންގެވުމެއްގައި ވިދާޅުވީ، ކޮވިޑުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް، ކޯޓުތަކުން ފޯރުކޮށްދޭ ޚިދުމަތް މެދުކެނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށެވެ. އަދި އެކަންކުރާނީ ސުޕްރީމް ކޯޓުން އާންމު ސިއްހީ ނުރައްކަލުގެ ހާލަތުގައި ކޯޓުތަކުގެ ޚިދުމަތް ދިނުމާ ގުޅޭ ގޮތުން ދީފައިވާ އިރުޝާދާ އެއްގޮތަށް ކަމަށްވެސް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

ހާލަތު ގޯސްވުމުގެ ސަބަބުން މީހުން ގެތަކުން ނުކުތުން މަނާކޮށްފައިވާ ރަށްރަށާއި ސަރަހައްދުތަކުގައިވެސް އެ ހާލަތަކާ ގުޅޭ ގޮތުން އެޗްޕީއޭއާއި ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ރިއާޔަތްކޮށް، ކޯޓުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ތަރުތީބުކުރުމަށްވެސް އެ އެންގެވުމުގައި ވެއެވެ.

ހަމަ މިއާއިއެކު ޝަރީޢަތްތަކާއި ގުޅިގެން ކޮންމެހެން ހާޒިރުވާންޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން އޮފީހަށް ހާޒިރުވާންނުޖެހި ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރެވޭނޭ އިންތިޒާމް ހަމަޖައްސެމާއި، ގޭގައި ތިބެގެން މަސައްކަތްކުރި ކަމުގައި ވިޔަސް ރަސްމީ މަސައްކަތުގަޑީގައި މަސައްކަތުގައި އުޅޭކަން ޔަގީންކުރުމުގެ ގޮތުން އެ ދުވަހެއްގެ މަސައްކަތް ފެށި ގަޑިއާއި ނިންމި ގަޑި އާއި އެ ދުވަހެއްގައި ކުރި މަސައްކަތް އެނގޭނޭ ގޮތަށް ރެކޯޑް ބަލަހައްޓަންވާނެ ކަމަށް އެ އެންގެވުމުގައި ވެއެވެ.

އަދި ކާވެނި މަޖިލިހާއި ޝަރީޢަތުގެ މަޖިލިސްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދެވޭނެ އިންތިޒާމު ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހަމަޖެއްސުމަށްވެސް އުއްތަމަފަނޑިޔާރު އަންގަވާފައިވެއެވެ. އަދި ކޯޓަށް ހާޒިރުވެން ޚިދުމަތް ދެވޭފަދަ ހާލަތްތަކުގައި ހުރި ރަށްރަށާއި ސަރަހައްދުތަކުގައި އެގޮތަށް ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް އަންގަވާފައިވެ އެވެ.

ކޮވިޑް ހާލަތު ގޮސްވެފައިވާތީ ސަރުކާރު އޮފީސްތައް ވަނީ އިތުރު 2 ހަފްތާއަށް ބަންދުކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި ކާފިއު ގަޑިވެސް ވަނީ އިތުރުކޮށްފަ އެވެ. ކާފިއު ގަޑި ފިޔަވައި އެހެން ގަޑިތަކުގައިވެސް ބޭރަ ނިކުތުމަށް ހުއްދަ ނަގަންޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.