މާލެގެ މޭޔަރުކަމުގެ ހުވާކުރެއްވުމަށް ފަހު ޑރ. މުހައްމަދު މުއިއްޒު އަންނަނީ މާލެ ސިޓީގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި މަޝްވަރާ ކުރެއްވުމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށާއި މިނިސްޓްރީތަކަށް ވަނީ ސިޓީ ފޮނުވާފަ އެވެ.

މޭޔަރުގެ ސިޓީއާ ގުޅިގެން ރައީސް ސޯލިހާއި ބައެއް މިނިސްޓަރުނާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި މާލޭގެ ތަރައްގީއާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް މި ބައްދަލުވުންތަކުގައި ކުރެވިފައިވާ ކަމަށް މޭޔަރު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ހުވާ ކުރެއްވުމަށް ފަހު މޭޔަރު މުއިއްޒު ސަރުކާރަށް ގޮވާލައްވާފައި ވަނީ ހިޔާ ފުލެޓް ކުލި ކުޑަކުރުމަށާއި ގުޅީފަޅުގައި ޕޯޓް ތަރައްގީ ކުރެއްވުމުގެ ބަދަލުގައި ހައުސިން ޔުނިޓްތަކެއް ތަރައްގީ ކުރުމަށް ގޮވާލައްވާފަ އެވެ.

މިކަންތަކާ އިތުރަށް އިއްޔެ ރައީސް ސޯލިހުއާއެކު ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވަނީ މަޝްވަރާ ކުރައްވާފަ އެވެ. މިމަޝްވަރާތަކާ ގުޅޭ ގޮތުން ނޫސްވެރިންނަން މައުލޫމަތު ދެއްވަމުން މުއިއްޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ "ހިޔާ" ފްލެޓަށް މަހަކު ދައްކަން ޖެހޭ ކުލީގެ އަގު ކުޑަކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ބައްދަލުވުންތަކެއް ބާއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ. ހިޔާ ފްލެޓަށް 8،500ރ. ދައްކަން ރައްޔިތުންނަށް ދަތިވާނެ ކަމަށާއި ފިނިޝިންގެ މަސައްކަތްތަކަށް ވެސް ބޮޑު ހަރަދެއް ރައްޔިތުން ކުރަން ޖެހޭނެ ކަމަށް ރައީސަށް ދަންނަވާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައި 7،000 ހައުސިން ޔުނިޓްގެ ބައެއް ބިލްޑިންގްތަކުގައި އޮރެންޖް ކުލަލާފައި. ފޮޓޯ: އެޗްޑީސީ

"އަޅުގަނޑު ދެންނެވިން އަޅުގަނޑަށް އަންދާޒާ ކުރެވޭ ގޮތުގައި ދެ ލައްކައެއްހާ ރުފިޔާ ހަރަދުވާނޭ މިހާރު ނިންމަން ޖެހޭ މަސައްކަތް ކުރަން. އާންމު ރައްޔިތުންނަށް އެވަރު ހަރަދެއް ނުކުރެވޭނެ. ކޮންމެވެސް މީހަކަށް ދަރައިގެން އެ ފައިސާ ހަރަދު ކުރަން ޖެހޭނީ،" މުއިއްޒު ވިދާޅުވި އެވެ.

އިތުރަށް މޭޔަރު މުއިއްޒު ވިދާޅުވީ އެކަމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވީ ވަރަށް އުންމީދީ ޖަވާބެއް ކަމަށާއި އެކަމާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ސިޓީ ކައުންސިލާއި ރައީސް އޮފީސް އަދި އެޗްޑީސީ ގުޅިގެން ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު ފަރާތްތަކަށް އެ އަގު ކުޑަ ވެގެން ދާނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްގެ ހިސާބުތައް ހަދާފައި ވާނީ މަހު ކުލީގެ ގޮތުގައި 5،500ރ. ދައްކާ ގޮތަށް ކަމަށެވެ. އަދި އެ އަގުގައި އެތަން ދޫކޮށްގެން އެޗްޑީސީއަށް ގެއްލުމެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ސާލިހް މޭޔަރު މުއިއްޒު އާ ބައްދަލުކުރައްވަނީ: ފޮޓޯ: ރައީސް އޮފީސް

ގުޅީފަޅު ތަރައްގީ ކުރުމާ ގުޅޭ ގޮތުންވެސް ރައީސް ސޯލިހު އުއްމީދީ ޖަވާބެއް ދެއްވާފައިވާ ކަމަށާއި އެކަމާވެސް މަޝްވަރާތައް ކުރުމަށް ނިންމާފައިވާ ކަމަށް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

ގުޅިފަޅަކީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްޞަކުރެވޭ ސަރަހައްދެއް ކަމަށް ހެދުމަށް މަސައްކަތްކުރެއްވުމަކީ ފާއިތުވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވިއިރު ޑރ.މުޢިއްޒުގެ އެންމެ މުހިއްމު އެއް ވަޢުދެވެ. އަދި އައު ކައުންސިލުން ކުރިއަށް އޮތް ފަސް އަހަރަށް ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައިވެސް އެ ތަނަކީ ބޯހިޔާވަހިކަމަށް ޚާއްޞަކުރާ ތަނެއް ކަމަށް ކަނޑައެޅުން އޮތީ ހިމަނާފައެވެ.

މޭޔަރު މުއިއްޒު އާއި މާލެ ސިޓީގެ ކައުންސިލަރުން ލޯކަލް މާރުކެޓް ޒިޔާރަތް ކުރުމުގެ ތެރެއިން. ފޮޓޯ: ނަރީސް

މާލެެ ތަރައްގީއަށް ކުރައްވާ މަސައްކަތްތަކުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މޭޔަރު މުއިއްޒު ވަނީ ދެއްވާފަ އެވެ. މިފަހަރުގެ ކައުންސިލަކީ ތަފާތު ދައްކާނެ ކައުންސިލެއްކަން މޭޔަރު ވިދާޅުވެފައިވާއިރު ހުވާ ކުރެއްވުމަށް ފަހު އެކަން ދައްކަވަމުން ގެންދަވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ސިޓީ ކައުންސިލުންނާއި މޭޔަރު މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ގިނަ ބަޔަކު ތައުރީފް ކުރައްވަމުން އަންނަކަން ފާހަގަ ކޮށްލެވެ އެވެ.