ށ. ފުނަދޫގައި ޖެޓްސްކީއެއްގައި ޖަހައިގެން ފަން ބެޑް ދުއްވަނިކޮން ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގައިގެން އުޅޭ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:00 ގައި ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވި ޒުވާނާ ށ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގާފައި ވަނީ ފުނަދޫގައި ދަށްފަޅުގައި ދުއްވި ޖެޓްސްކީއެއް އަނބުރާލި ވަގުތު އެ ޖެޓްސްކީ ފަހަތުގައި އިން މީހާ ވިއްސައިގެން ގޮސް އެއްގަމުގައި ޖަހާފައި ހުރި ދަގަނޑު ގަނޑެއްގައި ޖެހި ޒަހަމްވެގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ށ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ އެ ރަށުގައި އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ މޫދު ކުރިވަރު ކުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޖެޓްސްކީގައި ކަފު ޖަހައިގެން ދުއްވި ފަންބެޑްގައި އެ ވަގުތު ދެ ކުދިން ތިބި ކަމަށާއި މަރުވީ އުމުރުން 22 އަހަރުގެ ކުއްޖެއް ކަމަށް އަހުމަދު ވިދާޅުވި އެވެ.