ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން ކުރިއަށް ގެންދާ އިންކުއަރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ހާޒިރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި ޓުވީޓެއްގައި ބުނީ ޝަމާލް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމެންޓްރީ އިންކުއަރީއަށް މިއަދު ހާޒިރުކޮށްފައިވާ ކަމަށެވެ.

ޝަމާލް މިއަދު ކޮމިޓީއަށް ހާޒިރުވެފައިވާއިރު އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ އެ މުއައްސަސާގެ ފަރާތުން ކަމަށް ބުނެފަ އެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް މިއަދު ހާޒިރުކުރުމުގެ ކުރިން މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، މުހައްމަދު އަސްލަމް ވެސް ވަނީ ހާޒިރުކޮށްފަ އެވެ. އަދި އިއްޔެ ވަނީ ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް އެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް މިއަދަށް މަހެއް ވީއިރު، މި ހަމަލާގައި ސީދާ ބައިވެރިވި މީހުންގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މިހަމަލާ އާއި ގުޅުން ހުރި އިތުރު 10 މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މިހަމަލާ ދިނުމަށް ފަންޑުކުރި މީހުން ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.