މާލޭގައި ހަދާފައިވާ ޕާކުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލޭގެ ޕާކުތަކުގެ ހާލަތު ބެލުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ކައުންސިލަރުން ވަނީ ޕާކުތަކަށް މިއަދު ޒިޔާރަތް ކުރައްވާފަ އެވެ. އެގޮތުން ކައުންސިލަރުން މިއަދު ވަނީ ކާނިވަލުގައި ހުރި ޕާކާއި، ރަސްރަނި ބަގީޗާއާއި އަދި ޖުމްހޫރީ މައިދާނުގައި ހުންނަ ޕާކަށް ޒިޔާރަތްކުރައްވައި ހާލަތު ބައްލަވައިފަ އެވެ.

މޭޔަރު ޑރ. މުއިއްޒު މީގެ ކުރިން މީޑިއާގައި ވިދާޅުވެފައި ވަނީ މާލެ ސިޓީގައި ތަރައްގީ ކޮށްފައިވާ ޕާކުތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ޕާކުތައް ހަލާކުވެފައިވާ ކަމަށެވެ. އަދި ޕާކުތަކުގެ ހާލަތު ބެލުމަށްފަހު ޕާކުތައް މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާ ކަމަށްވެސް މުއިއްޒު ވާނީ ވިދާޅުވެފަ އެވެ.

މާލެ ސިޓީ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޕާރކުތަކުގެ އާބާތުރަ ފިލުވައި ބެލެހެއްޓުމަކީ ހާއްސަ އަހުމިއްޔަތުދޭ ކަމެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިތްފަސޭހަ މާލެއަކަށް ހެދުމަށްޓަކައި މާލެގެ އެކި ސަރަހައްދުތަކުގައި ވަނީ ޕާކުތައް ތަރައްގީ ކޮށްފަ އެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި ޕާކުތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލު ކުރުމުވުން ވަނީ އެތަންތަން ވީރާނާވުމަށް ދޫކޮށްލާފަ އެވެ. މިކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާކަން ފާހަގަ ކޮށްލެވެ އެވެ.