މި ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ޕާޓީގެ ހަރުގޭގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވަޒީރުން ބައިވެރިނުވާކަން ހާމަވެއްޖެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ޕާޓީގެ މައި ހަރުގޭގައި މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެމްޑީޕީ ހަރުގޭގައި ބޭއްވި މިރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި، ނާއިބް ރައީސް މުހައްމަދު ޝިފާޒު އެވެ.

މިރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވަޒީރުން ބައިވެރިވެފައިނުވާއިރު ގިނަ އާންމު މެންބަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިނުވާކަން ފާހަގަކޮށްލެވެ އެވެ.

އެމްޑީޕީއަކީ އެ ޕާޓީގެ ހަރަކާތްތައް ވަރަށް ކުލަ ގަދަ އަދި ޖޯޝުން ނެރެގެންދާ ގޮތަކަށް ހަރަކާތްތައް ބާއްވާ ޕާޓީއަކަށްވާއިރު މިއަދު ބޭއްވިގެން ދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތު ފެނިގެންދިޔައީ ވަރަށް ފަޅު ރަސްމިއްޔާތެއްގެ ގޮތުގައި އެވެ.

ވެރިކަމުގައި އޮވެ، އެމްޑީޕީގެ އަހަރީ ދުވަހުގެ ކުލަފަނޑުވެގެންދާ ގޮތަކަށް ފާހަގަކުރިއިރު، މި ރަސްމިއްޔާތުގައި މަދު ބަޔަކު ބައިވެރިވެފައިވާތީ އެކަމާ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ ހަރަކާތައް އެއް މަސް ދުވަހަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު ގައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއަކާއި ސޯޝަލް އެޕްލިކޭޝަން ކްލަބް ހައުސްގައި "އެމްޑީޕީ ހަރުގެ" ލޯންޗުކުރުމުގެ ހަރަކާތެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 26 ވަނަ ދުވަހެވެ.