ރިހާނާގެ "ސެވޭޖް އެކްސް ފެންޓީ" ފެޝަން ޝޯގައި ބޭނުންކުރި ލަވައެއްގެ މައްސަލަ ހޫނުވެ އެންމެ ފަހުން ރިހާނާ މައާފަށް އެދިއްޖެ އެވެ.

ރިހާނާ ބުނި ގޮތުގައި އެ ލަވަ ބޭނުންކުރެވުމަކީ "ޒިންމާދާރުކަން ކުޑަ" އަދި "ފަރުވާކުޑަ" އަމަލެއް ކަމަށެވެ.

ކޫކޫ ކްލޯއީ ނަމަކަށް ކިޔާ މީހަކު ކިޔާފައިވާ "ޑޫމް" ނަމަކަށް ކިޔާ މި ލަވައިގައި ބޭނުންކޮށްފައިވަނީ ގިޔާމަތް ދުވަހާ ބެހޭ ގޮތުން ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެކެވެ.

މި ލަވައާއި ގުޅިގެން ކޫކު ކްލޯއީވެސް ވަނީ މައާފަށް އެދިފަ އެވެ. އަދި ލަވާގައި ހަދީސް ބޭނުންކުރެވިފައިވާ ކަން ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މިއީ ރިހާނާގެ ފަރާތުން އިސްލާމް ދީނަށް ފުރައްސާރަ ކުރިމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. 2013 ވަނަ އަހަރު އަބޫ ދާބީގެ މިސްކިތެއްގެ ތެރޭގައި ނިވާކަން ކުޑަކޮށް ފޮޓޯ ނަގަން އުޅުމުން އޭނާ ވަނީ އެ މިސްކިތުން "ބޭރުކޮށްލާފަ" އެވެ.

މިކަމާ ގުޅިގެން މުސްލިމުން ދަނީ ނުރުހުން ފާޅުކޮށް ފެންޓީގެ ޕްރޮޑަކްޓްތައް ބޯއިކޮޓް ކުރުމަށްވެސް ގޮވާލާފަ އެވެ.