މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ވަކިކޮށްފައިވާ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް އަލުން އެ ވަޒީފާ ދޭން ހެޔޮނުވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރުު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ޑރ. އިޔާޒު ޓުވިޓާގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެކަންކަން އިސްލާހު ނުކުރުމުންނާއި ހަރުކަށި ފިކުރަށް ހިތްވަރުދޭ ފަދަ ޒާތަކަށް އަމަލުކުރަމުން ގެންދާތީ ކަމަށް ބުނެ އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާއިން އިޔާޒު ވަކިކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

އެމްއެންޔޫގެ ވަޒީފާއިން ވަކިކުރީ އިންސާފުން ނޫން ކަމަށް ބުނެ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅަން މިހާރު ޑރ. އިޔާޒު ވަނީ ކުރިން ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން އާޒިމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިޔާޒަކީ އަންހެނުން ތިބެންވާނީ ހަމައެކަނި ދަރިންބަލައި ފިރިހެނުން އުފާކޮށްދިނުމަށް ކަމަށް ވިސްނައިދިނުމަށް މަސައްކަތް ކުރާ މީހެއް ކަމަށާއި އިޔާޒަށް ވަޒީފާ ދޭން ހެޔޮވެސް ނުވާނެ ކަމަށެެވެ.

"އަންހެނުން ތިބެއްވާނީ ހަމައެކަނި ފިރިހެނުން އުފާކޮށްދީ، ދަރިންބަލާ، ފިރިހެނުންގެ ހިދުމަތުގައިކަން ވިސްނާދިނުމަށް މަސައްކަތް މީހެއް. ވަޒީފާދޭން ހެޔޮނުވާނެ،" އާޒިމް ވިދާޅުވި އެވެ.

ޑރ. އިޔާޒުގެ އިތުރުން އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރަރު ޝައިޚު އަލީ ޒައިދުއާ ދޭތެރޭ ވެސް އެ ޔުނިވާސިޓީން ވަނީ ފިޔަވަޅު އަޅާފަ އެވެ. ޒައިދުއާ ދޭތެރޭ ވެސް ފިޔަވަޅު އަޅާފައިވަނީ ޓުވިޓާގައި ލިޔުނު ލިޔުންތަކަކާ ގުޅިގެން ކަަމަށް އެމްއެންޔޫއިން ބުނެ އެވެ.