ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލުމުގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ދޭން ޖެހޭނެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް (ސަންނަ) ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫސް "އަވަސް"އަށް ދިން އިންޓަވިއެއްގައި ސަނީފު ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާ ނިންމުމަށް އޭނާ އިހުތިރާމް ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ އިސް ލީޑަރު ރައީސް ސޯލިހު ބޭނުންފުޅު ވާނަމަ ޕްރައިިމަރީއަކާ ނުލާ ދެ ވަނަ ދައުރަށް ވާދަކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ލިބެން ޖެހޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމަކީ ވަކި މީހަކަށް ފައިދާ ހޯދައިދޭ ނިންމުމަށް ވެގެން ނުވާނެ ކަމަށެވެ.
އެމްޑިޕީގެ ގަވާއިދާ ހަވާލާދީ ސަނީފު ވިދާޅުވީ، ރައީސް ސޯލިހަށް ޕްރައިމަރީއެއް ނެތި ދެވަނަ ދައުރަކަށް ޓިކެޓް ލިބެން ޖެހޭނެ ކަމަށެވެ.ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ އެމްޑީޕީގެ މެންބަރަކަށް ވެއްޖެނަމަ އަދި އެއް ދައުރު ފުރިހަމަކޮށް އިތުރު ދައުރަކަށް އެ ބޭފުޅަކު ކުރިމަތިލައްވާނަމަ ޕްރައިމަރީއެއް ނެތި ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ގޮތަށް ގައުމީ މަޖިލީހުން ނިންމާފައި ވަނީ ޑރ. އިބްރާހިމް ދީދީ އެ ޕާޓީގެ ރައީސަކަށް އަދި އަލްހާން ފަހްމީ ޕާޓީގެ ނައިބު ރައީސަކަށް ހުންނެވި ދުވަސްވަރު އެވެ.
"އެމްޑީޕީގެ ގަވާއިދު ބުނާ ގޮތުން ނަމަ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބެން ޖެހޭ. ދެން އިލެކްޝަނަށް އެ ގަވާއިދު ފޮނުވާފައި ނެތް ކަމަށް ވެދާނެ. ނަމަވެސް ގައުމީ މަޖިލީހަކުން އެ ނިންމުން ނިންމި. އެއިރެއްގައި ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެއްޖެއްޔާ ރައީސުލްޖުމްހޫރިއްޔާއަކީ އެންމެ އިސް ފަރާތްތަކަށް. އޭގެ މާނައަކީ މި ވަގުތުގައި އެމްޑީޕީގެ އެންމެ އިސް ބޭފުޅަކީ ރައީސް ސޯލިހޭ. އެއީ ނިންމި ނިންމުމެއް. އެހެންވީމަ ޕްރައިމަރީއަކާއި ނުލައި ރައީސަށް ޓިކެޓް ލިބިވަޑައިގަންނަވަން ޖެހޭ،" ސަނީފް ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަން (އީސީ)އަށް އެމްޑީޕީ ގަވާއިދުގެ އެބައި އުނިކޮށްފައި ފޮނުވާފައި އޮތުމުން އެއީ ބަލައިގަންނަން ޖެހޭ ނިންމުމެއް ނޫން ކަމަށް ބައެއް ބޭފުޅުން ވިދާޅުވާތީ ސަނީފު ވަނީ އެކަމަށް ވެސް ރައްދު ދެއްވައިފަ އެވެ.
އެގޮތުން ސަނީފު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި އިލެކްޝަންސްގައި އޮންނަ އެ ޕާޓީގެ ދަފުތަރަށް ނުބަލާ ކަމަށެވެ. އަބަދުވެސް ޕްރައިމަރީތަކުގައި ވޯޓްލަނީ އެމްޑީޕީގައި އޮންނަ ލިސްޓަކަށް ކަމަށެވެ. އަދި އެ ލިސްޓާއި ކޮމިޝަނުން ބަލަހައްޓާ ދަފްތަރާއި ހާސްބައި ތަފާތު އިރު ގައުމީ މަޖިލީހުގެ ނިންމުން ކޮމިޝަނަށް ފޮނުވާ ގެޒެޓްކޮށްފައި ނެތުމަކީ އެ ނިންމުން ބާތިލުވެ އަމަލު ކުރަން ނުޖެހޭ ސަަބަބެއް ނޫން ކަމަށެވެ.
ސަނީފު އިތުރަށް ވިދާޅުވީ އިިދދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ކައުންސިލް މެމްބަރުން ވެސް އެމްޑީޕީގެ އެތެރޭގެ އިންތިިހާބުގައި ވޯޓުލާ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ އެތެރޭގެ ކަންކަން ހިނގަނީ މުޅިން ރަނގަޅަށް ނޫންކަމަށް ސަނީފު ވަނީ ވިދާޅުވެފަ އެވެ.
"މިއަދު ޕީޕީއެމްގެ ކައުންސިލް މެންބަރުން ވޯޓް އެބަލައޭ އަޅުގަނޑުމެން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި. އެހެންވީމަ ޕާޓީގެ އެތެރޭގެ ކަންކަން އެ ހިންގަނީ މުޅިއަކުން ރަނގަޅަށް ނޫން" ސަނީފް ވިދާޅުވި އެވެ
ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް ވަނީ ވަރަށް ފަހުން 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓެއް ކަނޑައަޅަނީ ޕްރައިމަރީންކަމަށް ވިދާޅުވެފަ އެވެ. އަދި އިތުރަށް ވިދާޅުވެފައި ވަނީ އެމަނިކުފާނު ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯދައްވާނެ ކަމަށެވެ.
ސަނީފް މިހެން ވިދާޅުވިއިރު 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީ އޮންނާނެ ކަމަށާ އެ ޕްރައިމަރީގައި ވާދަ ކުރައްވާ ކާމިޔާބު ހޯއްދަވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ވެރިކަމުގެ ދެވަނަ ދައުރެއް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހް މިހާތަނަށް ވިދާޅުވެފައި ނުވާ ކަމަށާ ނަމަވެސް އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދަވާ ކަަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން ސަނީފު ވިދާޅުވީ، އެމްޑީޕީއަކީ ވަކި މީހެއްގެ ނުވަތަ ވަކި އާއިލާއެއްގެ އެއްޗެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ. އެއީ އެމްޑީޕީގެ މެންބަރުންނާއި އެހެން ބަޔަކުވެސް ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.