ދެ ބިލިއަން ކޮވިޑަށް ހޭދަކޮށް، ރެކޯޑް މިންވަރަކަށް ރިކަރަންޓް އިތުރުވުމުން ވޯލްޑް ބޭންކުން ވެސް ފާޑުކިޔާނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުތައް އަދާކުރަން ޖެހެނީ މި ސަރުކާރަށް ކަމަށާއި، ލޯނުތައް އަދާކުރަންޖެހުނުއިރު އާމްދަނީވަނީ އެކީގައިހެން ނެތިފައި ކަމަށް ރައްޔިތުން މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.
ސައީދުގެ ޓުވީޓުގައި އެކި ގޮތްގޮތުން މި ސަރުކާރަށް މިހާތަނަށް ލިބިފައިވާ އާމްދަނީ ފާހަގަކުރައްވާފައިވެ އެވެ. އަދި މި ސަރުކާރުން ނަގާފައިވާ ތަފާތު ލޯނުތަކުގެ ތަފުސީލު ވެސް އެމަނިކުފާނުގެ ޓުވީޓުގައި ހިމަނުއްވާފައިވެ އެވެ.
"520 މިލިއަން ޑޮލަރު އަދި ހަތަރު ބިލިއަން ޕްރިންޓް، 1.2 ބިލިއަން ލޯނު، 800 މިލިއަން ޑޮލަރުގެ އެލްސީ، 200 މިލިއަން ޑޮލަރުގެ ކަރަންސީ ސުވޮޕް އަދި ދެ ބިލިއަން ރުފިޔާގެ ކޮވިޑް ހޭދައިގެ އިތުރަށް ރެކޯޑް މިންވަރަކަށް ރިކަރަންޓް ޚަރަދު ކުރުމުން ވޯލްޑް ބޭންކުން ވެސް ފާޑުކިޔާނެ. މިއީ އެންމެ ދެ އަހަރުގެ ނާގާބިލްކަން،" ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު އެހެން ވިދާޅުވިއިރު ދަރަނި ނުދެއްކޭ ހާލަތަކަށް ރާއްޖެ ދިއުމުގެ ބިރު އެބައޮތް ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި މި ވަގުތަށް ކޮންމެހެން ބޭނުން ނޫން މަޝްރޫއުތައް ފަސްކުރަންޖެހޭ ކަމަށް ވޯލްޑް ބޭންކުން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ.
ވޯލްޑް ބޭންކުން ވަނީ، މާލީ ގޮތުންނާއި ދަރަނީގެ ކަންތައްތައް މެނޭޖްކުރުމުގައި ރާއްޖެ އަށް ހުރި ނުރައްކާތައް ކުޑަކުރުމަށްޓަކައި ހަރަދު ކުޑަކުރަން ސަރުކާރަށް ލަފާދީފަ އެވެ.
"ވަރަށް އަވަހަށް ނިންމަން ނުޖެހޭ ޕަބްލިކް އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓްތައް މަޑުޖައްސާލުމަކީ މާލީ އަދި ދަރަނީގެ ގޮތުން ދިވެހިރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހަމަޖައްސަން އެހީއަކަށް ވާނެ އެވެ،" ރިޕޯޓުގައިވެ އެވެ.
މި ސަރުކާރުން ކުރިޔަށް ގެންދަން ނިންމާފައިވާ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގަން ނިންމާފައިވަނީ އިންޑިިޔާގެ އެގްޒިމް ބޭންކުން ދޭން ނިންމާފައިވާ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ.
އެގޮތުން ފެލިވަރު ތަރައްގީގެ މަޝްރޫއާއި ހަނިމާދޫ އެއާޕޯޓުގެ ތަރައްގީކުރުމާއި ގުޅީފަޅާއި ވިލިމާލެ އަދި ގުޅުވައިލާ ބުރިޖުގެ މަސައްކަތާއި އައްޑޫ ވައިގެ ބަނދަރުގެ މަސައްކަތަކީ ވެސް އެލްއޯސީ ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދަން ނިންމާފައިވާ ބައެއް މަޝްރޫއުތަކެކެވެ. އަދި ހުޅުމާލޭގައި 22،000 މީހުންގެ ޖާގައިގެ ކުރިކެޓު ދަނޑެއްގެ މަސައްކަތް ވެސް ކުރަން ނިންމާފައިވާކަން އިންޑިޔާ ހައިކޮމިޝަނުން އިއުލާނުކޮށްފައިވެ އެވެ.
22،000 ޖާގައިގެ، ކްރިކެޓް ދަނޑެއް، ކޮންބަޔެއް ކުޅެން؟؟، ކޮންބަޔެއް ވަންނާނީ ..؟ ލަފާކުރެވެނީ %90 ބިދޭސީން ކަމަށް.