ކަލާސް ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ ބިގްބޮސްއަކީ އިންޑިއާގެ އިތުރުން ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ.

އެންމެ ގިނަ ބަޔަކު އަބަދުވެސް އިންތިޒާރުކުރާ އެއް ޝޯއަކީ ބިގްބޮސް އެވެ. ދާދި ފަހުން މިވަނީ ބިގްބޮސްގެ ސީޒަން 15 އަންނަން އުޅޭކަމުގެ ހަބަރު ލިބިފަ އެވެ. މި ހަބަރާއެކު ދެން އުފެދޭ ސުވާލަކީ ބިގްބޮސްގެ މިފަހަރުގެ ބައިވެރިންނަކީ ކޮންބައެއްތޯ އެވެ.

ބިގްބޮސް 15ގައި ބައިވެރިވާ ހުރިހާ ބައިވެރިންގެ ނަން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިންޑިއަން ޓެލެވިޒަން އެކްޓަރު އަރްޖުން ބިޖްލާނީ މި ޝޯގައި ބައިވެރިވާކަން މިހާރު މިވަނީ ޔަގީންވެގެން ގޮސްފަ އެވެ. މިހެންކަމުން އަރްޖުން ވެގެން ގޮސްފައި ވަނީ ބިގްބޮސް 15ގެ ފުރަތަމަ ބައިވެރިއާއަށެވެ.

އަރްޖުންގެ ގާތް މީހަކު ހާމަކޮށްފައިވާ ގޮތުގައި ކަތްރޯކީ ކިލާޑީން އަނބުރާ އައުމަށް ފަހު ބިގްބޮސްގެ އޮފާ އައުމުން ވަރަށް ބޮޑަށް އަރްޖުން އެކަމާ މެދު ވިސްނި ކަމަށާއި އާއިލާއާ ދުރުގައި ދުވަސްތަކެއް ހޭދަކޮށްފައި އައިސް ކުޑަ ދުވަސްކޮޅެއް ތެރޭގައި އަނެއްކާ ވެސް ދުރަށް ދާން ޖެހުން އެއީ އަރްޖުންއަށް މާ ފަސޭހަ ކަމެއް ނޫނެވެ.

ނަމަވެސް ޝޯ އަށްފަހު ލިބިގެންދާނެ މަޝްހޫރުކަމަށް ބަލައި އަރްޖުން ވަނީ ބިގްބޮސްގައި ބައިވެރިވާން ނިންމާފައި ކަމަށް ވެސް އެމީހާ ވަނީ ބުނެފަ އެވެ.

އަރްޖުންގެ އިތުރުން ދެން ބިގްބޮސް 15 ގައި މިފަހަރު ފެނިގެންދާނެ ތަރިން ކަމަށް އަޑުފެތުރިފައިވާ ތަރިންގެ ތެރޭގައި އަދިތިޔާ ނާރަޔާން، ރެހާ ޗަކްރަބަތީ، އަދާ ޚާން، ތޭޖަސްވީ ޕްރަކާޝް، ޖެނިފާ ވިންގެޓް އަދި ނިއާ ޝަރްމާ ހިމެނެ އެވެ.