އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ ބިލިއަނަރަކަށްވިކަން ފޯބްސް ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ވިޔަފާރިވެރިޔާ ރިހާނާ ބިލިއަނަރަކަށްވިކަން ހާމަކުރަމުން ފޯބްސް އިން ބުނެފައި ވަނީ ރިހާނާއަކީ ބިލިއަނަރެއްގެ އިތުރުން ލަވަކިޔުމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން ލަވަކިޔުންތެރިންގެ ތެރެއިން މިހާރު އެންމެ މުއްސަނދި ލަވަކިޔުންތެރިޔާ ކަމަށެވެ.

ރިހާނާގެ މިލްކިއްޔާތުގައި 1.7 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އޭގެ ތެރެއިން 1.4 ބިލިއަން ޑޮލަރު ލިބިފައި ވަނީ އޭނާގެ ވިޔަފާރިތަކުންނެވެ. އޭނާ އެންމެ ފަހުން ލަވަ އަލްބަމެއް ނެރުނީ 2016 ވަނަ އަހަރުގަ އެވެ.

ރިހާނާގެ އަމިއްލަ ދެ ބްރޭންޑުގެ ތެރޭގައި ލޯންޖަރީ ބްރޭންޑެއް ކަމަށްވާ ސެވޭޖް އެކްސް ފެންޓީ އާއި 2017 ވަނަ އަހަރު ލޯންޗުކުރި ކޮސްމެޓިކްސް ބްރޭންޑެއް ކަމަށްވާ ފެންޓީ ބިއުޓީ ހިމެނެ އެވެ.

ރިހާނާގެ ފޭނުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބިއިރު، އޭނާ ލަވަކިޔުމުގެ ދާއިރާއަށް ނުކުތީ 2003 ވަނަ އަހަރުގަ އެވެ. އޭނާގެ ލަވަ އަލްބަމްތަކުގެ ތެރޭގައި އެންޓި، ލައުޑް، ގުޑް ގާލް ގޯން ބޭޑް، އަ ގާލް ލައިކް މީ، ޓޯކް ދެޓް ޓޯކް، އަންއެޕޮލޮޖެޓިކް، ރޭޓެޑް އާރް އަދި މިއުޒިކް އޮފް ދަ ސަން ހިމެނެ އެވެ.

އުމުރުން 33 އަހަރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ ހާސިލް ކޮށްފައިވާ އެވޯޑްތަކަށް ބަލާއިރު ޖާމަނީ އެވޯޑްސްގެ ނުވަ އެވޯޑް، އެމެރިކަން އެވޯޑްސްގެ 13 އެވޯޑާއި ބިލަބޯޑްސް އެވޯޑްސްގެ 12 އެވޯޑް އަދި ގިނީސް ވޯލްޑް ރެކޯޑްގެ ހަ އެވޯޑްގެ އިތުރުން ރިހާނާ ވެގެން ގޮސްފައި ވަނީ ލަންޑަނުގައި ލަވަ އަލްބަމް ވިއްކުމުގެ ހުއްދަ ލިބުނު ފުރަތަމަ އަންހެން ލަވަކިޔުންތެރިޔާއަށެވެ.