ސިއްހަތަށް ގެއްލުންހުރި ލުއި ކާނާ ނުވަތަ ޖަންކް ފުޑް އަކީ އަހަރެމެންގެ ކެއުމުގައި އާދަވެގެން ބޭނުން ކުރެވޭ އެއްޗަކަށް ވެއްޖެ އެވެ. ބައެއް ފަހަރު އަނގަ ފޫއްސަށް ނުވަތަ އެނޫން ވެސް ސަބަބަކަށް ބޭނުން ކުރެވޭ މި ބާވަތްތަކަކީ އެ ބާވަތްތަކުން ދުރުވާން ޖެހިފައިވާ ބާވަތްތަކެކެވެ.
މި ލިޔުމުގައި މި ބަލާލަނީ ލުއިކާނާ ކެއުން މަދުކުރެވިދާނެ ފަސޭހަ ބައެއް ގޮތްގޮތަކަށެވެ.
ސިއްހަތަށް ފައިދާ ހުރި ލުއިކާނާ ގޭގައި ބެހެއްޓުން
ޗޮކްލެޓާއި އެނޫން ވެސް ޕްރޮސެސްޑް ލުއިކާނާގެ ބަދަލުގައި މޭވާ ނުވަތަ އެކި ވައްތަރުގެ ބަދަން ފަދަ ބާވަތްތައް ގެއަށް އެތެރެކޮށްފައި ބަހައްޓާށެވެ. އަދި ލުއިކާނާ ކާން ބޭނުންވާ ކޮންމެ ފަހަރަކު އެ ލުއިކާނާތައް ބޭނުންކުރާށެވެ.
ގޭގައި ކުރިން ކެއްކުން
ސިއްހަތަށް ނުރަނގަޅު ލުއިކާނާ ކެވޭ އެންމެ ބޮޑު އެއް ސަބަބަކީ ގޭގައި ސިއްހަތަށް ފައިދާހުރި ނާސްތާއެއް ތައްޔާރު ކުރެވިފައި ނެތުމެވެ. އެހެން ކަމުން ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ކޮންމެ ވެސް ލުއި ކާނާއެއް ކެވެނީ އެވެ. މި ކަން ހައްލު ކުރުމަށްޓަކައި ވަގުތު އޮއްވައި ކުރިއާލާ ނާސްތާ ތައްޔާރުކުރާށެވެ.
ގިނައިން ފެން ބުއިން
ގިނައިން ފެން ބުއިން ދުވާލަކު ދެތިން ލީޓަރު ފެން ބުއިމަކީ ހަށިގަނޑުގައި ވަރުޖެހި ބަނޑުހައިވުން ދުރުކޮށްދޭނެ ކަމެކެވެ. ބަނޑުހައި ނުވާނަމަ ލުއިކާނާ ކާން ބޭނުންވާ ވަރު މަދުވެ އެ ބާވަތްތަކާ ދުރު ވެވޭނެ އެވެ.