ހަގީގީ އެމްޑީޕީއަށްވެސް މިލިބުނީ ކެހިވެރި މިތުރެއްކަން މިއަދު ސާފުވެއްޖެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބް ރައީސް ޖަމީލު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކު ކަމަށާއި އެކަން ދަމަހައްޓަވަން އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ‏ދިވެހި ގައުމު ދަރަނިވެރިކޮށްލައި, މިސްރާބު ގެއްލި އަދި ބޭރު މީހުން ހުންގާނަށް ފައިބަން ފުރުސަތު ދިނީ ސީދާ ރައީސް ސާލިހުގެ ވިސްނުންފުޅުންކަން އެނގިގެން ހިގައްޖެ ކަމަށެވެ.

"މިވެރިކަން ނިމުމަށް އިންތިޒާރުކުރާ މީހުން އިތުރުވެއްޖެ. ހަގީގީ އެމްޑީޕީއަށްވެސް މިލިބުނީ ކެހިވެރި މިތުރެއްކަން މިއަދު ސާފު." ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ވަރަށް މުހިންމު ކަމަށެވެ. އޮމާންކޮށް މި ސަރުކާރު ހިންގައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދެވެނީ ވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޮތުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ވެރިކަމުގައި ހުންނައިރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ބޭނުން. އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މި ހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑިއާއެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީގައެވެ. މިއީ ރާއްޖޭގެ ތާރިޚުގައި ވެސް އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި މިހާ ބޮޑު އަޣުލަބިއްޔަތެއް ހޯދި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް އެމްޑީޕީ ތެރޭގައި އުފެދިގެން އުޅޭ ހަމަނުޖެހުންތަކުގައި އެޕާޓީގެ މަޖިލިސް މެމްބަރުން ވަނީ ދެ ޕެކްޝަނަކަށް ބެހިގެން ގޮސްފަ އެވެ. ކޮންމެ ފެކްޝަނަކުން ވެސް މިހާރު ގެންދަނީ ސިޔާސީ ގޮތުން ބާރުވެރިކަން ހޯދަން މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން މިއަދު ރައީސް ސޯލިހު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކަމުގެ އިޝާރާތެއްވެސް ކުރައްވާފަ އެވެ.