ބ. ތުޅާދޫ ހިއްކާފައިވާ ސަރަހައްދުގައި 200 އެއްހާ ކަދުރު ރުއް ހެދިއްޖެ އެވެ.

ތުޅާދޫ ހިއްކި ސަރަހައްދުގައި ހެދިފައިވާ ކަދުރު ރުއްތަކާ ބެހޭ ގޮތުން "ހުރިހާ" އަށް ވާހަކަ ދައްކަވަމުން ތުޅާދޫ ކައުންސިލުގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ އެރަށު ހިއްކި ސަރަހައްދުގައި ކަދުރު ރުއްތައް ފަޅާފައި ވަނީ އެ ސަރަހައްދަށް އޭރު ކުނި އެޅުމުގެ ސަބަބުން ކަމަށެވެ. މިހާރު އެ ސަރަހައްދުގައި 200 އެއްހާ ކަދުރު ރުއް ހުންނާނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

ބ.ތުޅާދޫގައި ހެދިފައި ހުރި ކަދުރު ރުއްތަކެއް. މިސަރަހައްދުގައި 200 ހާ ކަދުރު ރުއް އެބަހުރި.. ފޮޓޯ: ޒިމާމް ރަޝީދު

"ލަފާކުރެވޭ ގޮތުގައި އެސަރަހައްދުގައި ކަދުރު ރުއް ހެދިފައި ހުންނަތާ މިހާރު ފަސް ވަރަކަށް އަހަރު ވެދާނެ. އެތަނުގައި 200 އެއްހާ ކަދުރު ރުއް ހުންނާނެ. މިއީ ރާއްޖޭގެ ރަށެއްގައި އެއް ސަރަހައްދެއްގައި އެންމެ ގިނަ ކަދުރު ރުއް ހުރި ތަން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އާދިލް ވިދާޅުވީ "ކަދުރު ޕާކް" ނަމުގައި އެ ސަރަހައްދު ތަރައްގީކުރުމުގެ ވިސްނުމެއް ކައުންސިލުގައި އެބައޮތް ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގައި ބައެއް އަމިއްލަ ފަރާތްތަކުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެކަމަށްޓަކައި އެސަރަހައްދު ތަރައްގީ ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބ. ތުޅާދޫގައި ހެދިފައި ހުރި ކަދުރު ރުއްތަކެއް. އެ ސަރަހައްދުގައި 200 އެއްހާ ކަދުރު ރުއް ހެދިފައި އެބަހުރި. ފޮޓޯ: ހުސައިން ނާފިޒު | ހުރިހާ

"ކަދުރު ރުއްތައް ހުރި ސަރަހައްދު ތަރައްގީކުރުމުގެ ވިސްނުމެއް އެބަހުރި. އެކަމަށްޓަކައި ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުން. މިކަމަށް އަމިއްލަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައި،" އާދިލް ވިދާޅުވި އެވެ.

ތުޅާދޫގެ ބިން ހިއްކާފައިވާ ސަރަހައްދުގެ ވަކި ހިސާބެއްގައި ހެދިފައިވާ ކަދުރު ރުއްތަކުގައި ކަދުރު އަޅާފައެއް ނުވެ އެވެ.