ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ އދ. ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް ގެއިން ފިސްތޯލަ އެއް ފެނުނު މައްސަލައިގައި އެކަމާ އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި ގުޅުވައި ދައްކަވާފައިވާ ވާހަކަތައް އިދިކޮޅު ކޯލިޝަނުން ދޮގުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ޑިފެންސް މިނިސްޓަރަކަށް ނާޒިމް ހުންނަވަނިކޮށް ގެއިން ފިސްތޯލައެއް ފެނުނު މައްސަލައިގައި އެކަމާ އޭރުގެ ރައީސް ޔާމީނާ ގުޅުވައި ސަންގު ޓީވީގެ ޕްރޮގްރާމެއްގައި އޭނާ ދައްކަވާފައިވާ ވާހަކަ ދޮގު ކުރާ ކަމަށެވެ. އަދި އުސޫލުތައް ހަމަޖެހިފައި އޮންނަނީ ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން ގެއަށް ހަތިޔާރު ގެންދެވޭ ގޮތަކަށް ކަމަށް ވިދާޅުވެ، ދައްކަވާފައިވާ ވާހަކަތަކަކީ ވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ވަޒީރަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން އަމިއްލަފުޅު ބޭނުމަށް ހަތިޔާރު ގެންގުޅުމަކީ ރާއްޖޭގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތެއް ނޫން ކަމުގައި ދަންނަވަން. ހަމައެއާއެކު އެމަނިކުފާނުގެ ގެއިން ހަތިޔާރު ފެނުނު މައްސަލައަކީ އޭރުގެ ރައީސް ޔާމީންގެ ރޭއްވެވުމެއްގެ ދަށުން އެމަނިކުފާނަށް ވެސް އެނގިވަޑައިގެން ހިންގާފައިވާ ކަމެއް ކަމަށް ވިދާޅުވި ނަމަވެސް، އެކަން ރައީސް ޔާމީނަށް އެނގިވަޑައިގެންފައި ވަނީ އެގެއިން ހަތިޔާރު ފެނުނު ފަހުން ކަމުގައި ދަންނަވަން،" ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން ކާނަލް ނާޒިމްގެ ގެކޮޅުން ހަތިޔާރު ފެނުނު މައްސަލައަކީ ރައީސް ޔާމީނަށް ވެސް އެނގިވަޑައިގެން ހިންގަވާފައިވާ ކަމެއް ކަމަށް ނާޒިމް ވިދާޅުވި ނަމަވެސް އެކަން ހިނގިކަން ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަތީ ހަތިޔާރު ފެނުމުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅުގެ ކޯލިޝަންގެ ބަޔާނުގައި ބުނެފައިވަނީ ނާޒިމް، ރައީސް ޔާމީނަށް ނިސްބަތް ކުރައްވާ ދައްކަވާފައިވާ ހަގީގަތެއް ނެތް ދެކޮޅު ނުޖެހޭ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ވަޒީރުން ހަތިޔާރު ގެންގުޅުމާ ގުޅޭގޮތުން ރާއްޖޭގެ ހަމަޖެހިފައިވާ އުސޫލުތަކާ ގުޅުވައިގެން ދައްކަވާފައިވާ ވާހަކަތަކަކީ ވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ސިޔާސީ ޕާޓީ އުފައްދާނީ ދޮގާއި ފަސާދަ ފަތުރައިގެން ނޫން ކަމުގައިވެސް ދަންނަވަން،" އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެ އެވެ.

ވަޒީރުން ހަތިޔާރު ގެންގުޅުމާ ގުޅޭ ގޮތުން ރާއްޖޭގެ ހަމަޖެހިފައިވާ އުސޫލުތަކާ ގުޅުވައިގެން ދައްކަވާފައިވާ ވާހަކަތަކަކީ ވެސް ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށް ވުމާއެކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ކަމުގެ ހަގީގަތް އެއްވެސް އޮޅުވައިލުމެއް ނެތި ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމަށް އިދިކޮޅުން ގޮވައިލެއްވި އެވެ.