ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ރިލީޒްކުރާ ދުވަސް އިއުލާނު ކޮށްފި އެވެ.

ކަންނާޑާ އެކްޓަރު ޔާޝް އާއި ބޮލީވުޑްގެ ތަރި ރަވީނާ ޓަންޑަން އަދި ސަންޖޭ ދަތު ފެނިގެންދާ މިފިލްމު ކޮވިޑާ ގުޅިގެން ވަނީ އެތައް ފަހަރު ނެރުމަށް ހަމަޖެހިފައިވާ ތާރީހު ފަސްކޮށްފަ އެވެ. އެހެން ނަމަވެސް މިހާރު މިވަނީ އަނެއްކާ ވެސް މިފިލްމު ނެރުމަށް ހަމަޖެހިފައިވާ ތާރީހު އިއުލާނު ކޮށްފަ އެވެ.

"ކޭޖީއެފް: ޗެޕްޓާ 2" އުފައްދާ ފަރާތުން ބުނީ މިހާރު މިފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު އެވެ.

ހޮމްބޭލް ފިލްމްސްއިން އަދި އެކްސެލް އެންޓަޓެއިންމެންޓް ޕްރޮޑިއުސްކުރާ "ކޭޖީއެފް: ޗެޕްޓާ 2" ފަސް ބަހަކުން ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ހިންދީ، ކަންނަޑާ، ޓަމިލް، ޓެލެގޫ އަދި މަލަޔާލަމް ހިމެނެ އެވެ.

ޕްރަސާންތް ނީލް ޑައިރެކްޓް ކުރާ މި ފިލްމުގެ ޕޯސްޓަރެއް ސޯޝަލް މީޑިއާގައި ފިލްމުގެ ތަރި ރޮކީބާއި (ޔަޝް) ވަނީ ހިއްސާކޮށްފަ އެވެ. މި ޕޯސްޓަރުގައި ފިލްމުގައި ފެނިގެންދާ ހުރިހާ ކެރެކްޓައެއް ކުރެފިކް ފޯމެޓްގައި ހިމަނާފައިވެ އެވެ.

"ކޭޖީއެފް: ޗެޕްޓާ 2" އަކީ 2018 ވަނަ އަހަރުގެ ނުކުތް "ކޭޖީއެފް: ޗެޕްޓާ 1" ގެ ސީކުއަލް އެވެ. މި ފިލްމް ވެފައި ވަނީ ބޮޑު ހިޓަކަށެވެ.

މި ފިލްމްގައި ޔާޝް ފުރަތަމަ އަދާކޮށްފައިވާ ވަރުގަދަ ރޯލުން ދެވަނަ ބައިގައި ވެސް ފެނިގެންދާއިރު، ފިލްމްގެ ކާސްޓާ އަލަށް ގުޅުނު ތަރިންނަކީ ރަވީނާ އާއި ސަންޖޭ ދަތް އެވެ. މި ފިލްމުގައި ރަވީނާ ކުޅެފައި ވަނީ ބޮޑުވަޒީރެއްގެ ރޯލެވެ. އަދި ސަންޖޭ ފެންނާނީ ފިލްމުގެ ވިލަންގެ ރޯލުންނެވެ.