އައްޑޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން އަލުން މުރާޖައާ ކުރުމަށް ކުއްލި މައްސަލައެއް ހުށައަޅައިފި އެވެ.
އައްޑޫ ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒް ހުށައެޅުއްވި މި ކުއްލި މައްސަލައިގައި ޝިނާޒުގެ އިތުރުން ޕީޕީއެމްގެ ތިން ކައުންސިލަރުންނާއި އަމިއްލަ ކައުންސިލަރަކު ވެސް ސޮއިކޮށްފައިވެ އެވެ. ކުއްލި މައްސަލަ ހުށައަޅާފައިވަނީ އެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް ނެގުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމަށް ކައުންސިލްގެ ޖަލްސާއެއް އަންނަ އާދީއްތަ ދުވަހު ބާއްވައި ދިނުމަށެވެ.
އޭއީއެޗް ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ނެގުމަށް ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން އެގޯތިތައް ލިބިފައިވާ ފަރާތްތަކުންދަނީ އެކަމާ ދެކޮޅަށް މަސައްކަތްކުރަމުންނެވެ. އެފަރާތްތަކުން ބުނަނީ ގޯތިތައް ނެގުމަށް ކައުންސިލުން ނިންމާފައިވަނީ އެފަރާތްތަކާ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ކަމަށެވެ. އެގޮތުން ގޯތިތަކުގައި ދިރިއުޅުމަށްޓަކައި އެތައް ހޭދައެއް ކުރެވި ބައެއް ފަރާތްތަކުން ދިރިއުޅުން ބަދަލުކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި ދެން އެހެން ތަނަކަށް ގޯތިބަދަލުކުރުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށެވެ. އަދި ގިނަ މީހުން މިހާރުވެސް ދިރިއުޅެމުންދަނީ ކުއްޔަށް ތަންތަން ހިފައިގެން ކަމަށާއި އަމިއްލަ ބޯހިޔާވަހިކަމަކަށް ވީހާވެސް އަވަހަށް ބަދަލުވާން ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ބަދަލު ދިނުމަށްފަހު ގޯތި ބަދަލު ކުރިކަމުގައިވިޔަސް އަނެއްކާ އަލުން ބޯހިޔާވަހި ކަމެއް ނަގާ ކޮޅަށް ޖެހުމަށް އެތައް ދުވަހެއް ހޭދަވާނެތީ އެއީ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވެސް އެފަރާތްތަކުން ސިފަކުރެ އެވެ.
ގޯތިތައް ނަގަން ނިންމުމުން އެ ގޯތިތަކުގެ ވެރިފަރާތުން އެ މައްސަލަ ކޯޓަށްވެސް ހުށަހެޅި އެވެ. ނަމަވެސް ކޯޓުންވެސް ނިންމީ ކައުންސިލުން ބޭނުންވާ ގޮތަށް ގޯތިތައް ނެގޭނެ ކަމަށެވެ. ނަމަވެސް އަދުލުވެރި ބަދަލެއް ދޭން ޖެހޭނެކަމަށް ކޯޓުން އޮތީ ނިންމައިފަ އެވެ. މިކަމާގުޅިގެން އެފަރާތްތަކުން ވަނީ އިސްތިއުނާފަށް ހުށައަޅާފަ އެވެ.
އައްޑޫގެ އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން ދޫކޮށްފައިވާ 42 ގޯތި ކައުންސިލަށް ނަގަން ނިންމީ ހޮސްޕިޓަލާ ގުޅުންހުރި ކަންކަން ކުރުމަށް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވެ އެވެ.
ނިޒާރު ވިދާޅުވީ ގޯތިތައް ނެގުމުން އެއްވެސް ބަޔަކަށް ގެއްލުން ނުވާނެ ކަމަށެވެ. އަދި ބަދަލުގައި ގޯތިތައް އެހެންތާކުން ލިބޭނެ ކަމަށާއި ކުރިން ލިބުނު ބިންތަކަށްވުރެ ބޮޑެތި ބިންވެސް ލިބޭނެ ކަމަށެވެ.
ނަމަވެސް ގޯތިތައް ލިބުނު ފަރާތްތަކުން ބުނަމުންދަނީ އެފަރާތްތަކުން ވަރަށްބޮޑެތި ޚަރަދުތައް ކޮށްފައިވާ ކަމަށާއި އަދުލުވެރި ބަދަލެއް ނުލިބޭނެ ކަމަށެވެ.
ރައްޔިތުން ގަނަތަޅުވާން އުޅެނީ. ރައްޔިތުން ރުޅިއަރުވާ ނަފުރަތު އުފައްދަނީ