އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަޙައްދުން ރައްޔިތުންނަށް ދޫކޮށްފައި ހުރި ގޯތިތައް ނަގަން އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބާތިލްކޮށްފި އެވެ.
އެ މައްސަލައިގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ ކައުންސިލަށް އެ ބިންތައް ނުނެގޭނެ ކަމަށް ހުކުމްކޮށްފަ އެވެ، އަދި ބިންތައް ނެގުމަށް ކަައުންސިލުން ނެރެފައިވާ އިއުލާނު ވެސް ބާތިލު ކަމަށް ނިންމާފަ އެވެ.
އައްޑޫ ސިޓީ ކައުންސިލް ގޯތިތައް ނަގަން ނިންމުމާ ގުޅިގެން އެ ގޯތިތަކުގެ ވެރިން ކޯޓަށް ހުށަހެޅި މައްސަލަައިގައި އިއްވި ހުކުމުގައި ބުނެފައި ވަނީ އާންމު މަންފާއަކަށް ކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލުން އާންމުންގެ ބިންތައް ނަގަން ނިންމިއިރު އާންމު މަންފާއަކީ ކޮބައިކަން ސާފުކޮށް ނުދެވޭ ކަމަށެވެ. އަދި އެ ސަރަހައްދުގެ އާންމު މަންފާއަށް ކުރާކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެ ކަމަށާއި، ރައްޔިތުންގެ ބިން ނެގޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓަށް ހުށަހަޅައި ކޯޓު މެދުވެރިކޮށް ކަމަށް ހުކުމުގައިވެ އެވެ.
އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން ދޫކޮށްފައިވާ 42 ގޯތި ކައުންސިލަށް ނަގަން ނިންމީ ހޮސްޕިޓަލާ ގުޅުންހުރި ކަންކަން ކުރުމަށް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވެ އެވެ.
ނިޒާރު ވިދާޅުވީ ގޯތިތައް ނެގުމުން އެއްވެސް ބަޔަކަށް ގެއްލުން ނުވާނެ ކަމަށެވެ. އަދި ބަދަލުގައި ގޯތިތައް އެހެން ތަނަކުން ލިބޭނެ ކަމަށާއި ކުރިން ލިބުނު ބިންތަކަށް ވުރެ ބޮޑެތި ބިން ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ގޯތިތައް ލިބުނު ފަރާތްތަކުން ބުނަނީ އެ ފަރާތްތަކުން ވަރަށް ބޮޑެތި ޚަރަދުތައް ކޮށްފައިވާ ކަމަށާއި އަދުލުވެރި ބަދަލެއް ނުލިބޭނެ ކަމަށެވެ.
ކައުންސިލުން ބިންތައް ނެގުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމަށް ކައުންސިލްގައި ހިމެނޭ ބައެއް މެމްބަރުން ވަނީ ކައުންސިލަށް މައްސަލައެއް ވެސް ވައްދާފަ އެވެ.