އަކިލް އަކިނޭނީ އަދި ޕޫޖާ ހެޖްޑޭގެ ކުރިއަށް އޮތް ޓެލެގޫ ފިލްމު "މޯސްޓް އެލިޖިބަލް ބެޗިލާ" ސިނަމާތަކުގައި އަޅުވާ ތާރީހު އިއުލާނު ކޮށްފި އެވެ.

މުޅިން އާ ރިލީޒް ތާރީހަކާއެކު މުޅިން އައު ޕޯސްޓަރެއް ވެސް ފިލްމު އުފެއްދުންތެރިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ޕޫޖާ ސޯސަލް މީޑިއާގައި ފިލްމުގެ ރިލީޒް ތާރީހާއި ޕޯސްޓަރު ހިއްސާކުރި ޕޯސްޓުގައި ބުނެފައި ވަނީ އޭނާގެ އުފަންދުވަސް ފާހަގަކުރާ މަހުގައި ފިލްމު ރިލީޒް ކުރުމަކީ ލިބިގެންދިޔަ ހަދިޔާއެއް ކަމަށެވެ. ޕޫޖާގެ އުފަންދުވަހަކީ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އެވެ. "މޯސްޓް އެލިޖިބަލް ބެޗިލާ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު އެވެ.

"އަހަރެންގެ އުފަންދުވަސް ފާހަގަކުރާ މަސް އިތުރަށް ހާއްސަވެގެން މިދިޔައީ. އޮކްޓޯބަރު އަށެއް، ސިނަމާއަށް އުފާވެރިކަން ލިބިގެންދާނެ. މި ފިލުމަށް ބެލުންތެރިގެ ލޯބި ލިބިގެންދާނެ ކަމަށް އުއްމީދު ކުރަނީ،" ޕޫޖާ ބުންޏެވެ.

މީގެ ކުރިން މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ ޖުލައި މަހު ނަމަވެސް ކޮވިޑްގެ ސަބަބުން ފިލްމު އޮކްޓޯބަރު މަހު ފިލްމު ނެރުމަށް ފަސް ކުރީ އެވެ.

މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ ބޮމަރިއްލޫ ބާސްކަރް އެވެ. އީސާ ރެއްބާ، އާމަނީ، މުރަލީ ޝަރުމާ އަދި ވެނެލާ ކިޝޯރް މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެންދާނެ އެވެ.

https://www.youtube.com/watch?v=BYLQb8KI810

މި ފިލްމުގައި އަކިލް ފެނިގެންދާނީ ކައިވެނި ކުރަން ރަނގަޅު ބައިވެރިޔަކު ހޯދަމުންދާ އެންއާރްއައި އެއްގެ ރޯލްއިން ނެވެ. ޕޫޖާ ކުޅެފައިވަނީ ސްޓޭންޑްއަޕް ކޮމެޑީއެއްގެ ބައިންނެވެ. މި ފިލްމުގެ ޓީޒާ ދައްކާލާފައި ވަނީ އޮކްޓޯބަރު 2020 ގަ އެވެ.