ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ރާއްޖެއިން ފުރިހަމަކުރި މީހުންގެ އަދަދު 303،965 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު ވެކްސިން އަލަށް 298 މީހަކު ވަނީ ފުރިހަމަކޮށްފަ އެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި 127 މީހަކާއި އަތޮޅުތަކުން ވެކްސިން ފުރިހަމަކުރި 171 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 303,965 އަށް އަރާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ 85 ޕަސެންޓް މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އަދި 12 އަހަރާއި 17 އަހަރާއި ދެމެދުގެ 84 ޕަސެންޓް ކުދިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިހާރު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންގެ ތެރެއިން ގިނައީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުން ކަމަށެވެ. އެގޮތުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ 30،000 މީހުން އެބަ ތިބި ކަމަށާއި، އޭގެ ތެރެއިން ގިނަ މީހުންނަކީ ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނާއި، ދާންމަތިވެފައި ތިބޭ މީހުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މަބްރޫކް ވިދާޅުވީ ސަރުކާރުން އަމާޒުހިފާފައިވާ ގޮތަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ޖެހުން ހާސިލްކުރެވޭނެ ކަމަށެވެ.

ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.