ޕްރޮޓީންސްއަކީ ހަށިގަނޑަށް ވަރަށް ބޭނުންތެރި އަދި އެހާމެ މުހިއްމު މާއްދާ އެކެވެ. ޕްރޮޓީންސްގެ ބޭނުމަކީ ހަމައެކަނި ހަށިގަނޑުގެ މަސްގަނޑު އިތުރު ކުރުންކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތްނަމަވެސް ޕްރޮޓީންސް އަކީ އެއަށްވުރެ ގިނަ ގޮތްގޮތުން ހަށިގަނޑަށް ފައިދާކޮށްދޭ މާއްދާ އެކެވެ.

ޕްރޮޓީންސް ލިބޭ ބާވަތްތަކުގެ ތެރޭގައި މަހުގެ ބާވަތްތަކާއި ކިރުގެ ބާވަތްތައް ހިމެނެ އެވެ. ކެއުމުގައި ޕްރޮޓީންސް މުއްސަނދި ބާވަތްތައް ހިމެނުމުން ލަށިގަނޑުގެ ޖިސްމާނީ ސިއްހަތު ރަނގަޅުވެ، އާއްމު ދިރިއުޅުމުގެ ފެންވަރު ވެސް ރަނގަޅުވެ އެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ޕްރޮޓީންސް ނުލިބޭނަމަ އާއްމު ދިރިއުޅުމުގެ ގިނަ ކަންކަމަށް ބުރޫ އަރަ އެވެ. މި ލިޔުމުގައި މި ބަލާލަނީ ހަށިގަނޑުގައި ޕްރޮޓީންސް މަދުވެއްޖެ ނަމަ ކުރިމަތި ވެދާނެ ބައެއް މައްސަލަ ތަކަށެވެ.

ބަރުދަން ލުއިކުރަން އުނދަގޫވުން

ބަރުދަން ލުއިކުރަން މަސައްކަތް ކުރި ނަމަވެސް ނަތީޖާ ނުފެންނަ ކަމަށް ފާހަގަ ކުރެވޭ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ޕްރޮޓީންސް ކެއުމުގައި ހިމެނޭވަރަށް ވިސްނާލައްވާށެވެ. ބަރުދަން ލުއި ކުރުމަށް ކަސްރަތު ކުރާއިރު އެދެވިގެންވާ ވަރަށް ޕްރޮޓީންސް ނުލިބޭނަމަ ހަށިގަނޑުން ސަރުބީ ވިރުމުގެ ބަދަލުގައި ހަށިގަނޑުގެ މަސްތައް ހަލާކުވެ އެވެ.

އަވަހަށް މޫޑު ބަދަލުވުން

ޕްރޮޓީންސްއަކީ ހޯމޯންސް އެންމެ ރަނގަޅު ގޮތުގައި މަސައްކަތް ކުރުމަށް ބާރުއަޅާ މާއްދާއަކަށް ވުމާއެކު ޕްރޮޓީންސް މަދުނަމަ ސިކުނޑީގެ މަސައްކަތަށް ބުރޫ އަރައި އަވަސް އަވަހަށް މޫޑު ބަދަލުވާ ގޮތް ކުރިމަތިވެ ޑިޕްރެޝަނަށް މަގުފަހިވާ ގޮތްވެ އެވެ.

މާ ގިނައިން ކާހިތްވުން

އަހަރުމެންގެ ހަށިގަނޑުގެ ހިނގުމަށް މުހިއްމު މައުދަންތަކެއް ބޭނުންވެ އެވެ. މަދުން ޕްރޮޓީންސް ބޭނުން ކުރެވޭނަމަ ލޭގެ ހަކުރު ދަށްވެ "ޖަންކް ފުޑް" އޭ މިކިޔާ ބާވަތްތައް ކާހިތްވެ އެވެ. ލޭގެ ހަކުރު އެއްވަރެއްގައި ބެހެއްޓުމަށް ޕްރޮޓީންސް ގިނަ ބާވަތްތައް ކެއުމުގައި ހިމަނާށެވެ.