ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ތ. ވޭމަންޑޫގެ ތުނޑީކޮޅުގައި ހިތްފަސޭހަކަމާއެކު ދަތުރުގޮސް އުޅެވޭނެ ގޮތަށް ސަރަހައްދެއް ގާއިމްކޮށްފި އެވެ.

"ފަރުހިލާ ތުނޑީ"ގެ ނަމުގައި ތަރައްގީކޮށް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހެދި ސަރަހައްދު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މިއީ މިރަށުގައި އާންމުކޮށް އާއިލާތައް ދަތުރު ދިއުމަށް ބޭނުންކުރާ ސަރަހައްދެއްކަމުން، މި ތަން ފަސޭހަކަމާއެކު ބޭނުންކުރެވޭ ގޮތަށް މިހާރުވަނީ ހިޔާވާ ގޮތަށް އަތިރިމަތީގައި ކުޑަ ޖަހައި ހަޓް ހަދައި ޖޯލިފަތި ބަހައްޓައި ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަންތަން ހަދައިދީފަ އެވެ. އަދި މީގެ އިތުރުން ވަނީ ކުޅިވަރު ކުޅުމަށް މިނީ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއްވެސް އަޅައި، 2500 ލީޓަރުގެ ފެން ޓޭންކެއް ވެސް ބަހައްޓާދީފައިވެ އެވެ. އަދި އެ ތުނޑިއަށް ދަތުރުދާ ފަރާތްތަކުން ކުނި އުކާލުމަށް އެ ސަރަހައްދުގައި ވަނީ ޑަސްޓްބިން ވެސް ބަހައްޓައިފަ އެވެ.

"ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފާހަގަކޮށްލެވޭ އެތައް ޕްރޮޖެކްޓެއް ހިންގުމަށް މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފަ. އަދި މި ޕްރޮޖެކްޓަތަކާއެކު ރަށްރަށަށް މިވަނީ އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް އިތުރު ފުރިހަމަ ކަމެއް ލިބިފައި. ވޭމަންޑޫގެ ކުދި ބޮޑު އެންމެން ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލަށް އުފާވެރި މާހައުލެއް ގާއިމް ކުރުމަށް މި ފަންޑުގެ ދަށުން މި ޕްރޮޖެކްޓަށް އެހީތެރިވެ އަދި ކާމިޔާބުކަމާއެކީ ނިންމާލެވުނު ކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މިފަދަ ބުރަ މަސައްކަތެއް ނިންމާލުމުގައި މި މަސައްކަތް ރާވައި ހިންގެވުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" ބީއެމްއެލްގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ތ. ވޭމަންޑޫގައި ހެދި ޕިކްނިކް ސަރަހައްދު. ފޮޓޯ: ބީއެމްއެލް

ވޭމަންޑޫ ކޮމިއުނިޓީ ޕިކްނިކް އޭރިއާ ޕްރޮޕޯސަލް ކާމިޔާބު ކުރި ފަހުދު އަބްދުއް ޝަކޫރު ބުނީ އެ ރަށުގެ ތުނޑި ޕިކްނިކް އޭރިޔާއަކަށް ހެދުމުގެ އެންމެ ބޮޑު މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުމަށް ކަމަށެވެ.

"މުސްތަގުބަލުގައި މިސަރަހައްދު އިތުރަށް ތަރައްގީކޮށް އަވައްޓެރި ރަށްތަކުގެ ރައްޔިތުންވެސް މިސަރަހައްދު ބޭނުންކުރުމަށް އަންނާނެހެން މި މިސަރަހައްދު ތަރައްގީ ކުރުމަކީ އަޅުގަނޑުމެންގެ ތަސައްވަރު،" އޭނާ ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފަ އެވެ.

ފުރަތަމަ ދެ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިއިރު، ތިންވަނަ ފިޔަވަހީގައި އެކަނިވެސް 10 ޕްރޮޕޯސަލް ހޮވުމަށް ބޭންކުން ވަނީ ނިންމާފަ އެވެ.