އިތިއޮޕިއާގެ ފަގީރު އަވަށަކަށް އުފަން މުސްތަފާ ޖަމާލު ހިނގާ ބިގާވެ އުޅެނީ ދަނޑި ބުރިއެއްގެ އެހީގަ އެވެ. އެ އަވަށުގެ އެތަންމިތާގައި ސަލާން ޖަހައިގެން ބަނޑު ފުރާނަ މުއްތި ކުރެވޭތޯ ބަލަމުންދާ މިޒުވާނާއަކީ ދިރިއުޅުމުގެ ދަތި ހާލަތު ބަދަލު ކޮށްލެވޭތޯ ސައޫދީއަށް ދާން މަސައްކަތްކުރި އެތަކެއް ހާސް މީހުންގެ ތެރެއިން މީހެކެވެ.

ގާތްގަނޑަކަށް 2،000 ކިލޯމީޓަރުގެ ދިގު ދަތުރުގެ ފުރަތަމަ މަރުހަލާގައި ހިޖުރަކުރާ މީހުން ފައިމަގުގައި ބޯޑަރު ހުރަސްކޮށް ވަގަށް އެތެރެވަނީ ޖިބޫތީ އަށެވެ. ޖިބޫތީއަށް ދާން ޖެހެނީ ކަނޑުގެ އައްސޭރިއަށް ނިކުތުމުގެ ބޭނުމުގަ އެވެ. ބޯޑަރު ހުރަސްކުރުމަށް ފަހު ހޫނުގަދަ ހަނަފަސް ސަހަރާގައި އައްސޭރި ފަށާ ހަމަޔަށް ދިއުމަށްޓަކައި 200 ކިލޯމީޓަރުގެ ރާސްތާއަކަށް ކުރާ މި ދިގު ދަތުރަކީ އުނދަގޫ ދަތުރެކެވެ. ސަހަރާގެ ހޫނުމިން 40 ޑިގްރީއަށް ވުރެ މައްޗަށް ހުންނައިރު ދަތުރުވެރިންގެ އަތުގައި އެ ހޫނުން ދިފާއުވުމަށް އެއްވެސް ވަސީލަތެއް ނުހުރެ އެވެ. ބޯލާނެ ކުޑަ ފެންފޮދަކާއި ކާލާނެ އެއްޗެއް ގެންދެވުނަސް އެއީ އެފަދަ ދަތުރަކަށް ފުދޭ ވަރުގެ އެއްޗެއް ކަމަށް ނުވެ އެވެ. އެހެންކަމުން ގަދަ ހޫނަށް ކެތް ނުވެ، ސަހަރާގެ ތެރޭގައި ގިނަ ބަޔަކު މަރުވެ އެވެ. މިދަތުރު އެ މީހުން ކުރަނީ ގިނަ ބަޔަކު އެކުގައި ވުމުން މަރުވާ މީހުންގެ ހަށިގަނޑު ނިވާކޮށްފައި ވަޅުލަނީ އެވެ. ވަޅު ނުލެވިއްޖެ ނަމަ އެގޮތަށް ދޫކޮށްލަނީ އެވެ.

ޑިހައިޑްރޭޓް ވެގެން ސަހަރާގައި މަރުވި އަންހެން ކުއްޖެއްގެ ހަށިގަނޑު ފޮރުވަނީ. ފޮޓޯ: ބީބީސީ

ނަސީބު ރަނަގަޅު މީހުންނަށް ނުވަތަ އުމުރުގައި ބާކީ ދުވަސްހުރި މީހުނަށް ޖިބޫތީގެ އަތިރިމަތީ ހިސާބަށް ދެވެ އެވެ. އެ ހިސާބުން އެ މީހުން ބައްދަލުކުރާނީ އިންސާނުން ޓްރެފިކްކޮށްދޭ ގޭންގްތަކުގެ މީހުންނާ އެވެ. އެފަދަ ގޭންގްތަކަށް ދޭނެ ލާރި ރަށުން އަންނަ އިރު ގެންނަން ޖެހެ އެވެ. އެގޮތުން ގެންނަ ލާރި އެއްކޮށް ނެގޭތޯ ގޭންގްތަކުން މަސައްކަތްކުރެ އެވެ އެކަމަށްޓަކައި ތަފާތު ބާވަތް ބާވަތުގެ އަނިޔާކުރެ އެވެ.

މިދިގު އުނދަގޫ ދަތުރުކުރަން އިތިއޮޕިއާގެ އެތައް ބަޔަކު ފަށަނީ އެ މީހުންގެ ފަގީރު ހާލުން ސަލާމަތްވުމަށެވެ. އެ މީހުންގެ އުންމީދަކީ ސައޫދީން މަސައްކަތެއް ލިބި އެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމެވެ. ދަތި ހާލުގައި އުޅޭ މައިން ބަފައިންނަށް އެހީތެރިކަމުގެ އަތެއް ފޯރު ކޮށްދިނުމެވެ.

މުސްތަފާ ވެސް ލިބުނު ލާރި ކޮޅެއް ޖަމާ ކޮށްގެން ދަތުރު ފެށީ އެ މަގުސަދުގަ އެވެ. ބީބީސީގެ ޑޮކިއުމެންޓްރީއަކަށް މުސްތަފާ ކިޔާ ދިން ގޮތުގައި އޭނާއާއެކު ދަތުރު ފެށި މީހުންގެ ތެރެއިން ވެސް އެތައް ބަޔަކު ސަހަރާގެ ތެރޭގައި މަރުވި އެވެ. މުސްތަފާއަކީ ސަލާމަތުން ބަނދަރުމައްޗާ ހަމައަށް ދެވުނު މަދު މީހުންގެ ތެރެއިން މީހެކެވެ.

މުސްތަފާ: އޭނާގެ ނަސޭހަތަކީ އެކަކު ވެސް އެމަގުން ނުދިއުން. ފޮޓޯ: ބީބީސީ

ހިޖުރަކުރާ މީހުން ޖިބޫތީގެ ގޭންގްތަކުގެ އަނިޔާ އާއި ވޭން ތަހަންމަލު ކުރުމަށްފަހު އެ މީހުން ހަމަ ޖައްސައިދޭ ދޯނި ފަހަރުގައި ފުރަނީ ޔަމަނަށް ދިއުމުގެ ދަތުރަށެވެ. ކުދި ކުދި ދޯނީގައި އެތަކެއް ސަތޭކަ މީހުންނާއެކު ކުރާ އެ ދިގު ދަތުރަކީ ވެސް ބިރުވެރި ދަތުރެކެވެ. އެ ދަތުރަށްފަހު ޔަމަނަށް ދެވޭ ހިސާބުން ޔަމަނުގެ ގޭންގްތަކުން އެ މީހުން ހިފާ ހައްޔަރުކުރެ އެވެ. އެ މީހުންގެ އަތުން ލާރި ހޯދުމުގެ ބޭނުމުގަ އެވެ. ގޭންގްތަކުން ބުނާ މިންވަރަށް ފައިސާ ނުދެވިއްޖެ ނަމަ ކިޑްނެޕްކޮށް އަނިޔާ ކުރެ އެވެ.

މުސްތަފާ ބުނި ގޮތުގައި އޭނާ ހައްޔަރު ކުރި ގޭންގުން ބޭނުންވި ވަރަށް ލާރި ނުދެވުމުން އަނިޔާ ދެމުން ގޮސް ފަޔަށް ވަޅި ވެސް ހަރާލި އެވެ. އެ އަނިޔާގައި ހަމަސް ދުވަހު އޮންނަން ޖެހުނެވެ. އެ ދުވަސްތަކުގެ ތެރޭގައި މުސްތަފާގެ މައިންބަފައިންގެ އަތުން ލާރި ހޯދައިގެން ގެންސްގެން ސަލާމަތްވި އެވެ.

ގޭންގްތަކުން ސަލާމަތްވުމަށް ފަހު ދެން އޮންނަނީ އެންމެ އުނދަގޫ މަރުހަލާ އެވެ. އެއީ ޔަމަނުގެ ހަނގުރާމަ ހިނގާ ސަރަހައްދުން ގޮސް ސައޫދީ ބޯޑަރު ހުރަސްކުރުމެވެ. މި އުނދަގޫ މަރުހަލާގައި ވެސް އެތައް ބައެއްގެ ގަޔަށް ވަޒަން އަރައި މަރުވެ އެވެ. ބޯޑަރު ހުރަސް ކުރަން ދިޔަ މުސްތަފާގެ ފަޔަށް ސައޫދީ ސިފައިންގެ ބަޑީގެ ހަމަލާ އަމާޒުވެގެން ވެއްޓުނީ އެވެ.

މުސްތަފާ ކިޔާދިން ގޮތުގައި އޭނާޔަށް ވާނުވާ އެނގުނުއިރު އޮތީ ހޮސްޕިޓަލުގެ އެނދުގަ އެވެ.

އެ ހިސާބުން ރަނގަޅު ދިރިއުޅުމެއް ހޯދުމަށް ސައޫދީއަށް ދާން ފެށި މަރުގެ ދަތުރު މުސްތަފާއަށް ނިމުނީ އެވެ. ޔަމަނުގެ އިދާރާތަކުން އޭނާ ޑިޕޯޓުކޮށްލީ އެވެ.

އެތައް އަނިޔާތަކާ ވޭނެއް ތަހައްމަލުކޮށް އެތައް ބަޔަކު މަރުވެ އެތައް ހާސް މޭލެއް ހުރަސް ކޮށްފައި ގޮސް ސައޫދީގެ ބޯޑަރު ހުރަސް ކުރެވޭ މަދު ބަޔަކަށް އެ މީހުންގެ ހަޔާތް ބަދަލުކޮށްލުމުގެ ފުރުސަތު ލިބެ އެވެ. އެ ގައުމުގައި މަސައްކަތް ކޮށްގެން ރަށުގައި ތިބޭ ފަގީރު މައިންބަފައިންނަށް ފޮނުވާ ފައިސާއަކީ ވަރަށް މުހިންމު އެއްޗެކެވެ. އެފަދަ މީހުންގެ ވާހަކަ ގައުމުގައި ދެކެވެނީ ކާމިޔާބު މީހުންގެ ގޮތުގަ އެވެ.

ދިރިއުޅުން ބަދަލުކުރުމުގެ ފުރުސަތު ނުލިބި ނުކުޅެދޭ މީހެއްގެ ގޮތުގައި އެނބުރި ރަށަށް ގޮސް ރަށުގެ މަގުމަތީގައި ސަލާން ޖަހަމުން ގެންދާ މުސްތަފާ ގަބޫލުކުރާ ގޮތުގައި އޭނާގެ ނަސީބު ރަނގަޅެވެ. ސަބަބަކީ ސަހަރާގެ ތެރޭގަ އާއި ޔަމަނުގައި މަރުވެ ދިޔަ މީހުންގެ ތެރޭގައި އޭނާ ނުހިމެނުމެވެ.

މުސްތަފާހުރީ އެކަމާ ޝުކުރުން ފުރިފަ އެވެ. އެނބުރި ރަށަށް އައުމަށް ފަހު އޭނާގެ ނަސޭހަތަކީ އެކަކު ވެސް އެމަގުން ނުދިއުމެވެ. އެހެނަސް އޭނާގެ ރަހުމަތްތެރިން ވެސް ފަހަރަކު މީހަކު އެމަގުން ދަމުން ގޮސް ހުސްވަނީ އެވެ. ރަނގަޅު ދިރިއުޅުމެއް ހޯދުމަށް ސައޫދީއަށް ކުރާ މަރުގެ ދަތުރަށް ހުއްޓުމެއް ނެތެވެ.