ކާބުލް (02 އޮކްޓޯބަރު) - ހަރުކަށި ތާލިބާނުގެ ވެރިކަމުގެ ދަށުން އަފްޣާނިސްތާނުގެ ސާނަވީ ސްކޫލްތަކުގައި އަންހެން ކުދިންނަށް ކިޔަވައިދިނުން މެދުކަނޑާލުމާއެކު ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމުން މަހުރޫމްވެފައި ތިބެން ޖެހިއްޖެ އެވެ.

ގްރޭޑް ހައަކުން މަތީގެ ގްރޭޑްތަކުގައި ކިޔަވާ ފިރިހެން ކުދިންނަށް މީގެ ދެހަފްތާ ކުރިން ސްކޫލްތައް ހުޅުވާފައިވާއިރު އަންހެން ކުދިން ކިޔަވަން ފަށާނެ ވަކި ތާރީޚެއް އަދި ތާލިބާނުން އިއުލާން ކޮށްފައެއް ނުވެ އެވެ.

ތާލިބާނުގެ ތަރުޖަމާނު ޒާހިބުއްލާ މުޖާހިދު ބުނީ އަންހެން ދަރިވަރުންގެ ކިޔެވުން ވީހާ ވެސް އަވަހަށް ފެށުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ތާލިބާނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަންހެން ކުދިންނަށް ސްކޫލް ފެށުމާމެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށާއި ނަމަވެސް އެކަމާ މެދު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

މި ހާލަތުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ތިބޭ އާއިލާތަކުގެ ފިރިހެން ކުދިން ސްކޫލަށް ދާއިރު އަންހެން ކުދިންނަށް ވަނީ ތައުލީމު ހޯދުމުގެ ހައްގު ގެއްލިފަ އެވެ.

"މޮޅު ޑޮކްޓަރަކަށްވެ އަހަރެންގެ މީހުންނަށް ޚިދުމަތް ކުރުމަކީ އަބަދުވެސް އަހަރެންގެ ހުވަފެނެއް. މި ނާއިންސާފު ނިމުމަކަށް ގެނެސް އަހަރުމެންނަށް ކިޔެވުން އަލުން ފަށައިދިނުމަށް ތާލިބާނަށް ގޮވާލަން،" ސާނަވީ ސްކޫލަށް ދާ އަންހެން ކުއްޖަކު ބުންޏެވެ.

އަންހެނުންގެ ހައްގުތައް ޔަގީން ކޮށްދެމުން ވެރިކަމަށް އައި ތާލިބާނުންގެ ތައުލީމީ ސިޔާސަތުތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުންނާއި އަފްޣާނިސްތާނުގެ ތައުލީމީ މާހިރުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް