ރާއްޖޭގައި ކޮވިޑް ވެކްސިން އިތުރު 974 މީހުން ފުރިހަމަ ކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 974 މީހަކު އަލަށް ވަނީ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ފުރިހަމަ ކުރި 463 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ފުރިހަމަ ކުރި 511 މީހުންނެވެ. މިއާއެކު ދެޑޯޒް ޖަހާ ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 344،123 އިތުރުވެފަ އެވެ.

ކޮވިޑުން ދިފާއުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް 114 މީހުން ޖަހާފައިވެ އެވެ. އެއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 392،887 އިތުރުވެފަ އެވެ.

ކޮވިޑު ފެތުރުން ހުއްޓުވައި ބަލިން ރައްކާތެރިވެ ތިބުމަށް ރާއްޖޭގައި މިވަގުތު އާންމުކޮށް ޖަހަމުން ގެންދަނީ ދެ ވެކްސިނެކެވެ. އެއީ އިންޑިއާގެ އެސްޓްރާޒެނެކާ ވެކްސިނާއި، ޗައިނާގެ ސިނޮފާމް ވެކްސިނެވެ.

އެހެންނަމަވެސް ހާއްސަ ހާލަތްތަކުގެ މަތިން ބައެއް މީހުންނަށް ފައިޒާ ވެކްސިން ވެސް ޖަހަމުންދެ އެވެ. އޭގެ ތެރޭގައި އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ވެސް ފައިޒާ ވެކްސިން ޖަހަ އެވެ.

ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ދާއިރާގެ މާހިރުން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ދެ ޑޯޒު ފުރިހަމަކުރި މީހުންގެ ތެރެއިން، ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނާއި، ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުން އިތުރު ޑޯޒެއް ޖެހުމަށް މަސައްކަތް އަންނަނީ ކުރަމުނެވެ.

ރާއްޖެއިން ވަނީ ބަގްލަދޭޝް އާއި ނޭޕާލަށް ކޮވިޑް ވެކްސިން ހަދިޔާ ކުރުމަށް ނިންމާފަ އެވެ.