އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާ ވެބް ސީރީޒް "ބީވުން"ގެ ޕޯސްޓަރާއި ލަވައެއް ރިލީޒްކޮށްފި އެވެ.

މޭޓް ސްޓޫޑީއޯއިން ގެނެސްދޭ މިސީރީޒް އަކީ މުހައްމަދު ފުއާދު (ފޯޑު) ޕްރޮޑިއުސްކުރާ އަސަރު ގަދަ ތިނެއްކަން ލޯބީގެ ޑްރާމާއެކެވެ. މި ވެބް ސީރީޒްގެ ފަސްޓްލުކް ދައްކާލާފައިވާއިރު މިއީ 13 އެޕިސޯޑުގެ މައްޗަށް އެކުލެވޭ ސީރީޒެކެވެ.

މަޝްހޫރު ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) ޑައިރެކްޓްކުރާ މި ވެބް ސީރީޒްގައި ފެނިގެންދާނީ މިހާރު ކުރިއަރަމުން އަންނަ ދެ ފަންނާނުން ކަމަށްވާ މަރިޔަމް ޝިފާ އާއި އަހްމަދު ޝަރީފް އެވެ. މީގެ އިތުރުން އަލީ ސަމީލް، ފާތިމަތު ލަތީފާ، ޔޫޝައު، މަރްޔަމް ޙަލީމް، ސާނާ "ބީވުން" އިން ފެނިގެންދާނެ އެވެ.

"ބީވުން"ގެ ޕޯސްޓަރުގެ އިތުރުން މިސީރީޒްގައި ހިމެނޭ ލަވައެއް ކަމަށްވާ "ހަނދު ވަށާލާ، ރީތި ތަރިތައް" ވެސް ވަނީ ނެރެފަ އެވެ. މިލަވަ ކިޔާފައިވަނީ ޝާހިދާ (ކުޑަ ޝާހިދާ) އަދި ކޮއްކޮ އެވެ. ލަވައިގެ ހިތްގައިމު މިއުޒިކް ހެދީވެސް ކޮއްކޮ އެވެ.

"ބީވުން" ގެ ވާހަކައާއި ސްކްރީންޕްލޭ ލިޔުނީ ޢަލީ ރަޝީދުގެ އަންހެނުން އާމިނަތު ރިނާޒާ އެވެ. ޑައިރެކްޝަންގެ އިތުރުން ކެމެރާ ކުރާނީ ޢަލީ ރަޝީދު އެވެ.