އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އިތުރަށް ފޯރި ގަދަ ކުރުމަށް މާލެ ސިޓީ ކައުންސިލުން މިއުޒިކް ޝޯއެއް ބޭއްވުމަށް ނިންމާފައިނުވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒު މިހެން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީ، އޫރިދޫ، މާލެ ސިޓީ ކައުންސިލް ގުޅިގެން މިއަދު ހަވީރުން ފެށިގެން ކާނިވަލުގައި މެޗު ބެލުން އަދި މިއުޒިކް ޝޯއެއް ކުރިއަށް ގެންދަން ރޭވިފައިވާ ކަމަށް މަހްލޫފް ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

ކޮންމެ ރެޔަކު މިއުޒިކް ޝޯއެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު މަހްލޫފު އިއުލާނު ކުރުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓްގައި އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން އެއްވެސް ޝޯއެއް ބޭއްވުމަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެކަމަށް ތާއީދުވެސް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކު ޝޯއެއް ނޯންނާނެ. ސިޓީ ކައުންސިލުން އިސްނަގައިގެން އޯގަނައިޒް ކުރީ ދަނޑަށް ނުވަދެވޭ ފަރާތްތަކަށް އެއް ތަނެއްގައި ތިބެގެން މެޗު ބަލާލާނެ އިންތިޒާމުއެއް. މުއުޒިކު ޝޯއެއް ބޭއްވުމަށް އަޅުގަނޑު ތާއީދެއް ނުކުރަން،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

މިއުޒިކް ޝޯތައް އިންތިޒާމް ކުރާ ކޮންމެ ފަހަރަކު ވެސް ދީނީ އިލްމުވެރިން އެކަމާ ދެކޮޅަށް ވާހަކަ ދައްކަވަ އެވެ. ފަހަކަށް އައިސް މާލޭގައި ބޮޑެތި މިއުޒިކް ޝޯތައް ބޭއްވުން ވެސް ވަނީ ހުއްޓާލާފަ އެވެ.