ވޭތުވެދިޔަ 24 ގަޑިއިރު ނެގި 1،570 ސާމްޕަލް އިން އިތުރު 33 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލޭ ސަރަޙައްދުން 24 މީހަކު ޕޮޒިޓިވްވިއިރު އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން ނުވަ މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑަށް އަލަށް ޕޮޒިޓިވްވި 33 މީހުންގެ ތެރެއިން 20 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 13 ބިދޭސީންނެވެ. އެއާއެކު މިހާތަނަށް ޖުމްލަ 11,391 މީހަކު ވަނީ ކޮވިޑަށް ޕޮޒިވްވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 7،290 ދިވެހިންނާއި 4،101 ބިދޭސީންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 45 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10،428 އަށް އަރާފަ އެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 30 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭ ހެން މިހާތަނަށް 37 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ ހާހަކަށްވުރެ ދަށަށް ގޮސްފަ އެވެ. އެގޮތުން މިބައްޔަށް މިހާރު ފަރުވާދެނީ 919 މީހަކަށެވެ. އަދި 329 މީހަކު މިހާރު ވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދޭ އަދަދު ވެސް މިހާރު ވަނީ 38 އަށް ދަށްވެފަ އެވެ.