ކާބުލް (14 އޮކްޓޯބަރު) - އަފްޣާނިސްތާނުގައި އޮތް ބަނޑުހައިހޫނުކަމާއި ފަގީރުކަން އިންތިހާއަށް އިތުރުވެ، ފައިސާގެ ބަދަލުގައި އާއިލާތަކުގެ 18 އަހަރުން ދަށުގެ އަންހެން ކުދިން މެދު އުމުރުގެ ފިރިހެނުންނާ ކައިވެނި ކުރުވަން ފަށައިފި އެވެ.

އާއްމު ދިރިއުޅުމަށް ދަތިވެ ގިނަ އާއިލާތަކުން މިހާރު އަންނަނީ އެ އާއިލާތަކުގައި ތިބި ޅަ އަންހެން ކުދިން ފައިސާ، މުދާ ނުވަތަ ގެރި ބަކަރި ފަދަ ދިރޭ ތަކެތީގެ ބަދަލަށް ކައިވެނި ކުރުވާނެ ފިރިހެނުން ހޯދަމުންނެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން އަފްޣާނިސްތާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އެގައުމުގައި ކާބޯތަކެއްޗާއި ތެލުގެ އަގު މަތިވެ އިގުތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

"ބައެއް އާއިލާތަކުން ވަނީ އެ އާއިލާތަކުގައި ތިބި އެއް އަހަރުގެ ކުޑަ ކުދިން ވެސް ފައިސާއަށްޓަކައި ވިއްކާލާފައި،" އަފްޣާނިސްތާނުގެ ނޫހެއް ކަމަށްވާ ރަހާ ނޫހުގައި ބުނެފައިވެ އެވެ.

އެ ނޫހުން ބުނާ ގޮތުގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖެއްގެ ކައިވެނީގޭެ ބަދަލުގައި ކޮންމެ އާއިލާއަކަށް ވެސް ގާތްގަނޑަކަށް 100،000 އާއި 250،000 އަފްޣާނީ ރުޕީސް އާ ދެމެދުގެ އަގެއް ލިބެ އެވެ. މިއީ އެމެރިކާ ޑޮލަރުން ބަލާނަމަ 1،108 ޑޮލަރާއި 2،770 އާ ދެމެދުގެ އަގެކެވެ.

ކައިވެންޏަށް އެދޭ ފިރިހެނުންގެ އަތުގައި ފައިސާ ނެތް ނަމަ އެ އަގަށް ވާ ވަރަށް ހަތިޔާރު ނުވަތަ ދިރޭ ނައަމް ސޫފި އަންނަނީ ބަދަލު ކުރެވެމުންނެވެ.

އޮގަސްޓް މަހު އަފްޣާނިސްތާނުގެ ވެރިކަމަށް އެރި ބައިނަލްއަގުވާމީ ގޮތުން ބަލައިގަތުމަށް މަސައްކަތްކުރާ ތާލިބާނުން އަންނަނީ އަންހެނުންނާއި އަންހެން ކުދިންގެ ކަންކަމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅެމުންނެވެ. އެގޮތުން އަންހެނުންނަށް މޫނު ބުރުގާ އެޅުން މަޖުބޫރު ކޮށްފައިވާއިރު އަންހެން ކުދިންގެ ތައުލީމް ވެސް އޮތީ މެދުކަނޑާލާފަ އެވެ.

ކަންތައް މިހެން އޮތް އިރު އެ ޖަމާއަތުގެ ވެރިކަމުގައި ފައިސާއާއި މުދަލަށްޓަކައި އަންހެން ކުދިން ބަދަލުކުރުން އިތުރުވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ބަލައިގަތުން ހޯދުމަށްޓަކައި ތާލިބާނުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބޭ އިތުރު ގޮންޖެހުމެކެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އދ. ން ވަނީ އަންހެނުންނާ ބެހޭ ގޮތުން ތާލިބާނުން ކޮށްފައިވާ ވައުދުތައް ފުއްދަމުން ނުދާ ކަމަށް ބުނެފަ އެވެ. -- އަލް އަރަބިއްޔާ