ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. ކަނޑޫދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގަންނަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި، ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފަށްޓަވައިދެއްވުމާއި، ފަރޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމުގެ އިތުރުން، ކާބޯތަކެތީގެ މައުރަޒު ހުޅުއްވައިދެއްވުމަށާއި، ގައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުން ހިމެނޭ ކަމަށެވެ.

މިއީ 2020 ވަނަ އަހަރުގައި ދަނޑުވެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަ ކުރުމަށް ރައީސް ނިންމެވި ފަހުން މި ފެންވަރުގައި ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.

ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރި ކަމަށް ޝައުގުވެރިކުރުވުމުގެ މަގްސަދުގައި ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރާއިރު، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައި ވަނީ ދަނޑުވެރިންނާއި އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ޙަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކަ އެވެ.

ރައީސް ސޯލިހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު އެވެ.