ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ވެސް އުފެއްދިދާނެ 17 ބާވަތެއް އޮތްކަން ފާހަގަކުރައްވައި ސަރުކާރުގެ އަމާޒަކީ އެ ބާވަތްތައް ރާއްޖެއަށް ބޭނުންވާ ވަރަށް އުފެއްދުން. ރާއްޖޭގެ ޖީޑީޕީގައި ދަނޑުވެރިކަން ހިއްސާކުރަނީ 1.7 އިންސައްތަ. މި އިންސައްތަ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެެއް ކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވި.

ދަނޑުވެރިކަން ކުރުމަށް މިހާރަށް ވުރެ ފަސޭހައިން މީހުން ދިރިއުޅޭ ރަށްރަށުން ބިން ހަމަޖައްސައިދޭން ކައުންސިލްތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް ރޭ ތ. ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދަނޑުވެރިންނަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު އެއް ދަތިކަމަކީ ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަށް ރަށްރަށުން ބިން ހޯދުމުގައި ހުރި ދަތިތައްކަން ފާހަގަކުރައްވާފަ އެވެ.

ހަމައެހެންމެ ރައީސް ވަނީ ކަނޑޫދޫގެ ދަނޑުވެރިން ކުރާ މަސައްކަތް ފާހަގަކުރައްވައި އަދި ހާއްސަކޮށް ކަނޑޫދޫގައި މިރުސް ހެއްދުމަށް ރަށުގެ ދަނޑުވެރިން ކުރާ މަސައްކަތް މުޅި ރާއްޖެއަށް ފުޅާވެ މިހާރު ކަނޑޫދޫގައި ހައްދާ މިރުހަކީ އެރަށަށް ލިބޭ ފަހުރެއްކަމަށް ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ރައީސް ވަނީ ދަނޑުވެރިކަމުން އުފައްދާ ތަކެތި ތާޒާކަންމަތީ ބާޒާރަށް ނެރުމުގައި ހުރި ދަތިތަކާއި ރާއްޖެފަދަ ބިންކުދި ގައުމުތަކުގައި ދަނޑުވެރިކަންކުރާއިރު ޒަމާނީ ޓެކްނޮލޮޖީއާ ސައިންޓިފިކް ދިރާސާތައް ދަނޑުވެރިންނާ ހަމައަށް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ. އެމަނިކުފާނު ވަނީ މި ގޮންޖެހުންތައް ހުރިނަމަވެސް ރިސާޗާއި އެކަށީގެންވާ ޕްލޭނަކާއެކު ރާއްޖޭގައިވެސް އުފެއްދިދާނެ 17 ބާވަތެއް އޮތްކަން ފާހަގަކުރައްވައި ސަރުކާރުގެ އަމާޒަކީ އެ ބާވަތްތައް ރާއްޖެއަށް ބޭނުންވާ ވަރަށް އުފެއްދޭނެ ޕްލޭނަކާ އެކު މަސައްކަތްކުރުންކަން ހާމަކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ފުރުސަތު ފަހިކުރުމަށް ބޭރުން މި ބާވަތްތައް އެތެރެކުރުން މަދުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ލިބޭފަދަ ގިނަ ލޯން ސްކީމް ފަދަ ފުރުސަތުތައް ހުރި ނަމަވެސް އެމައުލޫމާތު ދަނޑުވެރިންނާ ހަމައަށް ފޯރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައިވެ އެވެ. ހަމައެހެހެންމެ އެމަނިކުފާނު ވަނީ ރާއްޖޭގެ ޖީޑީޕީގައި ދަނޑުވެރިކަން ހިއްސާކުރަނީ 1.7 އިންސައްތަ ނަމަވެސް އެކަން ބަދަލުކުރެވޭ މިންވަރަށް ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރެވޭނެވަރުގެ މާކެޓެއް އޮތްކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ރިޒޯޓްތަކަށް ބޭނުންވާ މޭވާއާއި ތަރުކާރީ ފަދަ ބާވަތްތައް އުފެއްދުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރެވިއްޖެނަމަ ދަނޑުވެރިކަމުން ލިބޭ އާމްދަނީ ޖީޑީޕީގައި ހިއްސާ ކުރާ މިންވަރު މިހާރަށް ވުރެ މަތިކުރެވޭނެ ކަމަށް ރައީސްވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ދަނޑުވެރިކަން ކުރުމުގައި ކެމިކަލް ބޭނުންކޮށްގެން ކުރާ ދަނޑުވެރިކަމުގެ ބަދަލުގައި އޯގެނިކް ފާމިންއަށް އިސްކަން ދިނުމަށް ވެސް ދަނޑުވެރިންނަށް އިލްތިމާސްކުރެއްވި އެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވިގޮތުގައި ދަނޑުވެރިކަން ފުޅާކުރުމަކީ، އިގްތިސާދު ލާމަރުކަޒުކޮށް، އާއިލާގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ވެސް ވަރަށް ބޭނުންތެރި ކަމެކެވެ.

މި ޖަލްސާގައި، ދަނޑުވެރިކަމަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވައި ރިޓަޔަރކުރައްވާފައިވާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މުވައްޒަފަކާ އަދި ކަނޑޫދުއަށް ދަނޑުވެރިކަމުގެ މަސައްކަތް ތަޢާރަފުކުރުމުގައި އިސްދައުރެއް އަދާކުރެއްވި ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފަ އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.