މީހަކު ދެކެ ފުންކޮށް ލޯބިވުމާއި، އެ މީހެއްގެ ތެރޭގައި އަމިއްލަ ނަފްސު ގެއްލިގެން ދިއުމާ ދެމެދު ބޮޑު ތަފާތެއް ހުރެ އެވެ. ދުޅަހެޔޮ ގުޅުންތަކުގައި ޖަޒުބާތީ ގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ މީހުންނަށް ގުޅުން ބަދަހިކަމާއި، އެހީތެރިކަމާއި، ރައްކާތެރިކަން އިހުސާސްކޮށްދޭ ކަމެކެވެ.

ނަމަވެސް، ޖަޒުބާތީ ގާތްކަމާއި، އެ މީހަކަށް މާ ބޮޑަށް ބަރޯސާވުމާ ދެމެދު އޮންނަނީ ވަރަށް ހިމަ ރޮނގެކެވެ. ލައިފް ކޯޗު، ހިޕްނޮތެރަޕިސްޓް އަދި މުސައްނިފު ސަންގީތާ ޝަރުމާ ވަނީ މި ދެ ކަމުގެ ތަފާތު ވަރަށް ސާފުކޮށް ކިޔައިދެއްވާފަ އެވެ.

ގުޅުމާއި ބަރޯސާވުމުގެ ތަފާތު

އެއް ދުވަހަކުން ކުއްލިއަކަށް މީހަކު ޖަޒުބާތީ ގޮތުން އަނެކަކަށް މާ ބޮޑަށް ބަރޯސާވާކަށް ނުފަށަ އެވެ. އެކަން ހިނގަނީ ކުދިކުދި ދޫދުންތަކެއްގެ ތެރެއިންނެވެ. ފުރަތަމަ، ކާން ދާނެ ތަނަކާ މެދު އަހާލުމުން "ކޮންމެ ތަނެއްވެސް ރަނގަޅޭ" ބުނަން ފަށަ އެވެ.

ދެން، އެ މީހާގެ ރޭވުންތަކާ ފުށުއަރާތީ، އަމިއްލަ ރޭވުންތައް ދޫކޮށްލަ އެވެ. އޭގެ ފަހުން، ރައްޓެހިންގެ ގްރޫޕް ޗެޓް ހަފުތާތަކަކަށް މިއުޓް ކޮށްލަނީ، އެ ޗެޓަށް ފޮނުވާ ކޮންމެ މެސެޖަކީ އެ މީހާއަށް ދޭންޖެހޭ ވަގުތުން މަދުވާ ވަގުތެއް ކަމަށް ހީވާތީ އެވެ.

މި ކޮންމެ ކަމަކީވެސް އެވަގުތު ވަރަށް ލޯބިން ކުރާ ކަމެއް ހެން ހީވެދާނެ އެވެ. އެކަމަކު މިއީ މަހެއް ދެ މަހެއްގެ ތެރޭގައި އެއްވެ، މުޅި ދިރިއުޅުން އެންމެ މީހެއްގެ ވަށައިގެން ހަނިކޮށްލާ ކަންތައްތަކެވެ. ގުޅުމާއި ބަރޯސާވުމުގެ ރޮނގު އޮންނަނީ ހަމަ މި ހިސާބުގަ އެވެ.

ދުޅަހެޔޮ ގުޅުމަކުން އަބަދުވެސް ދިރިއުޅުމަށް އިތުރު އުފާވެރިކަމާއި މުއްސަނދިކަން ގެނެސްދެ އެވެ. އެކަމަކު މާ ބޮޑަށް ބަރޯސާވާން ފެށުމުން، އަމިއްލަ ދިރިއުޅުމުން އެކި ކަންކަން މަދުވެ ގެއްލެން ފަށަ އެވެ.

ޝަރުމާ ވިދާޅުވާ ގޮތުގައި، މީހަކާ ގުޅުން ބޭއްވުމަކީ މުޅިން އާންމު ކަމެކެވެ. އެ މީހާ މަތިން ހަނދާންވުމާއި، ފޯނު ކޯލަކަށް އިންތިޒާރު ކުރުމާއި، ދުވަސް ގޯސް ދުވަހަކަށް ވާ ހިނދު އެ މީހާ ކައިރީގައި ހުރުމުން ހިތްހަމަޖެހުން ލިބުމަކީ ގުދުރަތީ ކަމެކެވެ.

މައްސަލަ ފެށެނީ، އުފާ ކޮށްދޭ އެހެނިހެން ކަންކަމުގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ގުޅުން އޮތުމުގެ ބަދަލުގައި، އުފާވެރިކަން ލިބޭ ހަމައެކަނި މަގަކީ އެ ގުޅުން ކަމަށް ވުމުންނެވެ.

ސަމާލުވާންޖެހޭ މުހިންމު އަލާމާތްތައް

  • ކުރިން ހިތްހަމަޖެހިގެން ކުރި ކަންކަން ހުއްޓާލުން: ރައްޓެހިންނާއި، ޝައުގުވެރިކަން ހުންނަ ކަންކަމާއި، އާއިލާއާއެކު ހޭދަކުރާ ވަގުތުތައް "ވަގުތީ ގޮތުން" ކަމަށް ބުނެ އެއްފަރާތް ކޮށްލުން.
  • މޫޑު ބަދަލުވުން ހަމައެކަނި އެ މީހަކާ ގުޅިފައި އޮތުން: ކުރު ޖަވާބެއް ލިބުމުން މުޅި ދުވަސް މާޔޫސްވެ ލޯބި މެސެޖެއް ލިބުމުން އަނެއްކާވެސް ހުރިހާ ކަމެއް ރަނގަޅުވެ އެވެ. ގުޅުމުގެ "މޫސުމަށް" ތަބާވެގެން އުޅެންޖެހެ އެވެ.
  • ކުދިކުދި ނިންމުންތައް ނިންމަން އުނދަގޫވުން: ލާނެ ހެދުމަކާއި، ދައުވަތެއް ގަބޫލު ކުރުމާއި، ވަޒީފާއެއް އިހުތިޔާރު ކުރުމުގައިވެސް، އަމިއްލަ ބޭނުމުގެ ކުރިން "އެ މީހާ ހީކުރާނީ ކީކޭބާ؟" ވިސްނަން ޖެހުން.
  • ހިމޭންކަން ނުރައްކާތެރި ކަމަކަށް ވުން: ހިމޭން ހަވީރެއް ނުވަތަ ފޯނު ކޯލެއް ނުލިބިއްޖެނަމަ، އެކަމުގެ ފަހަތުގައި އެތައް ވާހަކައެއް ސިކުނޑިން އުފައްދަން ފެށުން.

މިހެން މިދިމާވަނީ ކީއްވެ؟

"ސިކުނޑިއަށް އަބަދުވެސް ފަސޭހަ މަގުތައް ކަމުދޭ. އެންމެ މީހަކު ކަލާއަށް ރައްކާތެރިކަމާއި، ހަމަޖެހުމާއި، ބޭނުންތެރިކަން އިހުސާސްކޮށްދޭ ނަމަ، ކޮންމެ ފަހަރަކުވެސް އެ މީހާގެ ގާތަށް ދާން ސިކުނޑި ދަސްކުރޭ." ޝަރުމާ ބުންޏެވެ.

ފަސޭހަ މަގު އަވަސް ވާތީ، ރައްޓެހިންނާއި، މަސައްކަތާއި، އާންމު ދިރިއުޅުމުގެ އާދަތަކާއި، އަމިއްލަ ނަފްސަށް ދޭ އިޙުތިރާމަށް ދެވޭ ސަމާލުކަން ކުޑަވެ އެވެ.

މީގެ އިތުރުން، ލޯތްބަކީ ހަމައެކަނި ލިބޭ އެއްޗެއް ނޫން ކަމަށާއި އެ ދަމަހައްޓަން ޖެހޭނެ ކަމަށް ޅަފަތުގައި ދަސްވެފައި އޮންނާތީ، އަބަދުވެސް ހުޝިޔާރުވެގެން ހުންނަން ޖެހެ އެވެ. ދެން އެ މީހާ ބުރަވެފައިވާ ނުވަތަ ހިތްހަމަ ނުޖެހިފައިވާ ވަގުތުތަކުގައި، އަމިއްލަ މޫޑު ހަމައަކަށް އަޅުވާނެ އެހެން އެއްވެސް ކަމެއް ނޯވެ އެވެ.

މިކަން ހައްލުކުރާނީ ކިހިނެއް؟

މިކަމުގެ ހައްލަކީ ލޯބިވާ މިންވަރު ނުވަތަ ބޭނުންވާ މިންވަރު މަދު ކުރުމެއް ނޫނެވެ. އެއީ ގިނަ ފަހަރު ކާމިޔާބުވާ ގޮތެއްވެސް ނޫނެވެ. އޭގެ ބަދަލުގައި އަމިއްލަ ދިރިއުޅުން ފުޅާ ކުރާށެވެ. މި ހަފުތާ ތެރޭގައި ހުއްޓާލި އެއް ކަމެއް އަލުން ފަށާށެވެ. ކްލާހެއްގައި ބައިވެރިވާށެވެ. ކާން ދާނެ ތަން އަމިއްލައަށް އިހުތިޔާރު ކުރާށެވެ. ކައްކާނެ އެއްޗެއް ނިންމުން ފަދަ ކުޑަ ކަމެއް ނަމަވެސް، އެއްވެސް މީހެއްގެ ގާތުގައި ނާހާ ދުވާލަކު އެއް ނިންމުން ނިންމާށެވެ.

މެސެޖަކަށް ޖަވާބު ލަސްވާނަމަ، އަލުން ފޯނު ބެލުމުގެ ކުރިން 20 މިނެޓު އެހެން ކަމަކަށް ހުސް ކޮށްލާށެވެ. މީގެ މަގްސަދަކީ އެއްވެސް ކަމެއް ސާބިތު ކޮށްދިނުމެއް ނޫނެވެ.

އެ 20 މިނެޓު ތެރޭގައިވެސް ތިބާގެ ހާލު ރަނގަޅުކަން އަމިއްލައަށް ދެނެގަތުމެވެ. މި އާދަ ޒަމާންވީ، ބަދަލު ކުރަން އުނދަގޫ ކަމަކަށް ވެއްޖެނަމަ، ކޯޗެއްގެ ނުވަތަ ކައުންސެލަރެއްގެ އެހީތެރިކަން ހޯދުމުން މިކަން ފެށުނު ހިސާބު ހޯދަން ފަސޭހަވާނެ އެވެ.