ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް ފަށާފައިވާ ހުރިހާ މަސްރޫއުތައް ކުރިޔަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަސްދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުނެވެ.

މިބައްދަލުކުރެއްވުމުގައި ރަސްދޫގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ކައުންސިލާއެކު ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ރަސްދޫ ރައްޔިތުންނަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ވަގުތީ ގޮތުން ވިޔަސް ލިބޭނެ ކަމަށާއި، ދިގު ރާސްތާއަށް ވިސްނައިގެން މިކަމަށް ދާއިމީ ޙައްލެއް ހޯއްދެވުމަަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި އެމަނިކުފާނު ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު ހަވީރު ރަސްދޫ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށަށް ބޭނުންވާ ކަންކަމުގެ މައުލޫމާތު ރައީސް އާ ހިއްސާކުރައްވާފަ އެވެ. މިގޮތުން ކައުންސިލުން ވަނީ ރަށުގެ ބިން ފުރިފައިވުމުން ރައްޔިތުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމާއި، ރަސްދޫގައި ފަށާ މަޝްރޫއުތައް ނުނިމި ލަސްވާތީ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ޔުޓިލީޓީޒްގެ ޚިދުމަތް ލިބުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ބޭރު ތޮށި ހަލާކުވެފައިވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކުޅިވަރު ފެސިލިޓީސްތައް މަދުވުމުން ހުރި ކަންބޮޑުވުންތައް އަދި މިނިސްޓްރީތަކާއި ކައުންސިލާ ދޭތެރޭ އޮންނަ އިދާރީ ގުޅުން ހީނަރުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އަލަށް މިފަދަ ކޮމިޓީއެއްގެ މަސައްކަތް ކުރިޔަށްދާއިރު ކަމާގުޅޭ ފަރާތްތަކުގެ ފަންނީ ލަފައާއި އިރުޝާދު ބޭނުންވާކަން ރައީސްގެ ސަމާލުކަމަށް ގެންނަވާފަ އެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރަސްދޫގައި ގިރާ ސަރަޙައްދަށް ވަޑައިގެން އެތަން ވެސް ބައްލަވާލައްވާފަ އެވެ.