ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ފުރައްސާރަކޮށް، ރޭޕްކުރަން އުޅުނު މައްސަލައަކީ އާދައިގެ ކަމެއްގެ ގޮތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ސިފަ ކުރެއްވުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން މީޑިއާތަކުން ހަގީގަތް އޮޅުވާލީ ކަމަށް އިމްރާން މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މިދިޔަ ޖޫން މަހު ކެންޔާ އަންހެނަކު ރޭޕްކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކީ ކުރިން އަޑު ފެތުރުނުހާ ބޮޑު މައްސަލައެއް ނޫން ކަމަށެވެ. އަދި އެ ވާހަކަ ބޮޑުކޮށްލައިގެން ބަޔަކު ދެއްކިޔަސް، ރޭޕްގެ މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވުމުން ގިނަ ފާޑުކިޔުންތަކެއް ދަނީ އިމްރާނަށް އަމާޒުވަމުންނެވެ.

އެކަމާ ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައިވަނީ އެއީ ބޮޑު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިނުވާނެ ކަމަށާއި މީޑިއާތަކުގެ އެ ވާހަކަ ގެނެސްދިނީ އޭނާ ދެއްކެވި ވާހަކަތަކުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށް އިމްރާންގެ ޓްވީޓްގައިވެ އެވެ. އަދި ނޫސްވެރިން ވެސް ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓަން އޭނާ ގޮވާލައްވާފައިވެ އެވެ.

އެކަމަކު ޓްވީޓް ނިންމާލައްވަމުން އިމްރާން ވަނީ އޮޅުން އަރާ ފަދަ ގޮތަކަށް އޭނާއަށް ވާހަކަ ދެއްކެވިފައިވާ ނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލާގައި އެމްޑީޕީ މަޖިލިސް މެމްބަރެއްގެ ފިރިކަލުން ހިމެނޭ ކަމުގެ ތުހުމަތުކޮށް، ގިނަ ފާޑުކިޔުންތަކެއް ފުލުހުންނާއި ސަރުކާރަށް އަމާޒުވީ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ނުކޮށް، ދޫކޮށްލުމުންނެވެ. އެކަމަކު އެ މައްސަލާގައި ދައުވާ ކުރެވޭ މިންވަރުގެ ހެކި ހުންނާނެ ކަމަށް ބުނެ ފުލުހުން ފަހުން ބުނެފައިވަނީ އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.