ތިލަފަޅު އެއްބަސްވުމަކީ، ކުރީގެ ސަރުކާރުން އިންޑިއާއެކު ސޮއިކުރެއްވި "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިޔާ"ގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިއްޔެ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ޖަވާބުދާރީވުމަށް ވަޑައިގެން މެމްބަރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ހިމެނޭހެން، ދިފާއީ ރޮނގުން އިންޑިޔާ ސަރުކާރާ ގުޅިގެން، މިހާތަނަށް އަދުގެ ސަރުކާރުން ކުރައްވާފައިވާ ކަންކަމަކީ، މިއެކްޝަން ޕްލޭނަށް އަމަލީ ސިފަ ގެނައުމަށްޓަކައި ކުރައްވާފައިވާ ކަންކަން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

"އުތުރު ތިލަފަޅު އެއްބަސްވުމަކީ، 11-10 އެޕްރީލް 2016 އަށް، ރައީސް ޔާމީން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ސަރުކާރާއެކު ސޮއިކުރެއްވި 'އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިޔާ'ގެ ތެރޭގައި ހިމެނިފައިވާ 10 ދާއިރާގެ ތެރެއިން އެއް ދާއިރާ،" މާރިޔާ ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ގާއިމުކުރުމަކީ ކޯސްޓްގާޑަށް އެކަމުގެ މުހިއްމުކަމާއި ބޭނުންތެރިކަން ބޮޑުވެގެން ކުރިއަށްގެންދާ ކަންތައްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެކަންތައްތަކަކީ ކުރިން އޮތް ދެ ސަރުކާރުގައި ހިމެނިވަޑައިގެންނެވި ޑިފެންސް މިނިސްޓަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މިހާރުގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް ކުރިއަށްގެންދެވި ކަންތައްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.