ދުބާއީގައި މިހާރު ކުރިއަށްދާ ދުބާއީ އެކްސްޕޯ 2020ގައި ތައުހީދުގެ ކަލިމަތަކަށް ދިވެހި ފަންނާނުންތަކެއް ނަށާ ވީޑިއޯއެއް އާއްމު ވެއްޖެ އެވެ.

މިވީޑިއޯއިން ފެންނަ ގޮތުގައި މިއިވެންޓް ކުރިއަށްދިޔައީ އެކްސްޕޯގައި ދިވެހިރާއްޖެއަށް ހާއްސަކުރި ދުވަހުގެ ހަރަކާތެއްގެ ގޮތުންނެވެ. އެލަވައިގައި لا إله إلا الله މިހެން ތަކުރާރުކޮށް ކިޔާ އަޑުއިވެ އެވެ. އަދި ދިވެހި ދެ ޖިންސުގެ ޒުވާނުން ލަވައަށް ނަށަމުން ދިޔަ އެވެ. އަންހެނުން ތިބީ ބަތްޕޮލި ކަހަލަ އެއްޗެއް ހިފައިގެން ސަގާފީ ކަނޑިކިއާއި ލިބާސްބުރީގައި ފައިހަމަ ކުރުމަށެވެ. ފިރިހެނުން ތިބީ ބޮޑުބެރު ހިފައިގެން ގަމީހާއި މުންޑުލާ އަރުވާ ޖަހާފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުން އެއީ އެތަނުގައި އޮތް ރަސްމިއްޔާތެކެވެ. އެރަސްމިއްޔާތު ބައްލަވަން ބޭފުުޅުން ގޮނޑި ތަކުގައި ތިއްބެވިތަން ދުރުން ފެނެ އެވެ.

ދުބާއީ އެކްސްޕޯ މިއަދު ރާއްޖެއަށް ހާއްސަކޮށްފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ސަރުކާރުގެ ބޮޑު ވަފްދެއް މިއަދު އެތަނަށް ވަޑައިގެންނެވި އެވެ.

މިގޮތަށް ތައުހީދުގެ ކަލިމަ ހިމެނޭ ލަވައެއް ޖަހައިގެން ރާއްޖޭގެ ސްޓޭންޑްގައި އިވެންޓެއް ބޭއްވީ ކީއްވެ ކަމެއް ސާފެއް ނޫނެވެ.