އައްޑޫން ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެ އެވެ.

އައްޑޫ ނިޔާވީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި އޭނާ ނިޔާވެފައިވަނީ އެހޮސްޕިޓަލުގައި ފަރުވާހޯދަމުން ގެންދަނިކޮށް ރޭ މެންދަމު 2:13 ގައި ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މިމަރާއެކު މިއީ އައްޑޫއިން ކޮވިޑަށް ފަރުވާހޯދަމުން ގެންދަނިކޮށް ނިޔާވި ނުވަ ވަނަ މީހާ އެވެ. މިބަލީގައި އެންމެ ފަހުން ރާއްޖެއިން މަރުވެފައި ވަނީ ވެސް އައްޑޫ އިކުރިޓޯރިއަލް ހޮސްޕިޓަލުން ފަރުވާހޯދި އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެއާއެކު ރާއްޖޭގައި މިހާތަނަށް މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 243 އަށް އަރައިފަ އެވެ. ރާއްޖެއިން މިހާތަނަށް 87،359 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 85،453 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ.

ކޮވިޑުގެ ކޭސްތައް ފާއިތުވި ހަފްތާގައި މަދުވި ނަމަވެސް، އަނެއްކާވެސް އަދަދުތައް ގިނަވަމުންދާކަމަށް ފާހަގަކުރެވެ އެވެ. އެގޮތުން ކޮވިޑުގެ ގިނަ ކޭސްތަކެއް ފެނުމާއި ގުޅިގެން މާލެ އަތޮޅު ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ވަނީ ލޮކްޑައުންއަކަށް ގެނެވިފަ އެވެ. އަދި ކޮވިޑް ފެތުރޭތީ ށ. އަތޮޅު ފޯކައިދޫ އާއި، މިލަންދޫއަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.