ފިނިކުރި ފެނަކީ ދިވެހިންގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ބޭނުން ކުރާ އެއްޗެކެވެ. ނަމަވެސް ސިއްހީ މާހިރުން ބުނާގޮތުގައި އެއީ އެހާ ރައްކާތެރި އެއްޗެއް ނޫނެވެ. ފިނިކުރި ފެނަށް ވުރެ ރައްކާތެރީ ތާފަނާ ފެން ނުވަތަ އާދައިގެ ފިނިހޫނުމިނެއްގައި ހުންނަ ފެނެވެ.
ހޫނުގަދަ ދުވަހެއް ނަމަ ބޭރުގައި އުޅުމަށްފަހު ގެއަށް ވަދެވުމާއެކު ވެސް އެންމެ ފުރަތަމަ ބަލަނީ އައިސް ފެން ތައްޓަކުން އަރުތެރެ ތެންމާލެވޭތޯ އެވެ. ނަމަވެސް މިއީ ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރާ ގޯސް އާދައެކެވެ.
ސިއްހީ މާހިރުން ބުނާގޮތުގައި ފިނިކުރި ފެން ބުއިމުގެ ސަބަބުން ހަށިގަނޑުގެ ފިނި ހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ހަކަތަ ބޭނުންވެ އެވެ. އަދި މިކަމުގެ ސަބުބުން ކާނާ ހަޖަމުކުރުމަށާއި ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނެގުމުގެ ބަދަލުގައި މިހަކަތަ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުން ކުރެވިގެންދެ އެވެ. މީގެ އިތުރުން ލޭ ހޮޅިތައް ހިމަވެ، ލޭ ދައުރުވުމަށް ވެސް ހުރަސް އަޅަ އެވެ. މިކަމުގެ ސަބުބުން ހަށިގަނޑުން ފެނުގެ ނިސްބަތް ވެސް ބައެއް ފަހަރު މަދުވެ އެވެ.
ކަސްރަތު ކުރާ ފަރާތްތަކުން ކަސްރަތަށް ފަހު ކަރުހިއްކުން ފިލުވައިލުމަށް ވެސް އެންމެ އިސްކަމެއްދީގެން ބޭނުންކޮށްއުޅެނީ ފިނިކުރި ފެނެވެ. ނަމަވެސް ކަސްރަތަށް ފަހު ފިނިކުރި ފެން ބުއިމަކީ ގޮހޮރު އަދި ބަނޑުގެ މައްސަލަތައް އިތުރުވެ ހަޖަމުކުރުމުގެ ނިޒާމުގައި މައްސަލަ ޖެހުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އެހެންކަމުން ކަސްރަތު ކުރުމަށް ފަހުވެސް އެންމެ ރަނގަޅީ އާދައިގެ ފިނިހޫނުމިނެއްގައި ހުންނަ ފެން ބުއިމެވެ.
ފިނިކުރި ފެނަކީ ބައެއް ސިއްހީ މައްސަލަތައް ވެސް ކުރިމަތި ކުރުވާ އެއްޗެކެވެ. އެގޮތުން އައިސްފެން ބުއިމުގެ ސަބަބުން ހަށިގަނޑުގައި ކާތަކެތި ހަޖަމު ކުރުން ލަސްކޮށްދެ އެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް އެތެރެވާ ކާތަކެތި ރަނގަޅަށް ހަޖަމުނުވެ ހަށިގަނޑަށް އެންމެ އެކަށީގެންވާ މައުދަންތައް ނުލިބިދެ އެވެ.
ހަމަ އެހެންމެ ފިނިކުރި ފެން ބުއިމަކީ ކަރުތެރެ ހަލާކު ވުމަށްވެސް މަގުފަހިވާ ކަމެކެވެ. އެގޮތުން މާގިނައިން އައިސް ފެނާއި ފިނިކުރި ބުއިން ބޯނަމަ ކަރުގައި ރިއްސުމާއި ނޭފަތް ބެދި ރޯގާ ޖެހި ބައެއް އިންފެކްޝަންތައް ޖެހުމަށް ވެސް މެދުވެރިވެ އެވެ. ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކުމުން އެންމެ ފުރަތަމަ ކަމަކަށް ވެސް ފިނިކުރި ބުއިންތައް ނުބުއިމަށް ބުނަނީ މިހެން ވެގެންނެވެ.
އޭގެ އިތުރުން ވެސް ފިނިކުރި ފެން ބުއިމަކީ ހިތުގެ ހިނގުން ވެސް ލަސްކޮށްދޭ ކަމެއް ކަމަށްވެ އެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވީހާވެސް މަދުން ފިނިކުރި ފެން ބުއިމަށް އާދަ ކުރަން އެބަޖެހެ އެވެ.
ފިނިކުރި ފެން ބުއިމުގެ ސަބަބުން ލިބޭ ވަގުތީ ހިތްހަމަޖެހުމަށް ވުރެ، ލިބޭ ގެއްލުން ވިސްނާލައި، ވީހާ ވެސް މަދުން ފިނިކުރި އެއްޗެހި ބޭނުންކުރުމަށް ދިވެހިން އަހުލުވެރިވާން ވެއްޖެ އެވެ.