ކޮންމެހެން ވެސް ބޭނުންވާ ބޭސް ނުވަތަ ފާމަސީތަކުގައި ހުންނަން ޖެހޭ އަސާސީ ބޭސް މެދުނުކެނޑި ލިބޭނެ ގޮތްތައް ހަމަޖައްސާފައި ބެހެއްޓުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ފާމަސީ ގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި މީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާ އެކު ފާމަސީ ތަކުގައި ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށެވެ.

އަދި މި ބޭސްތައް މެދުނުކެނޑި ފޯރުކޮށްދެވޭ ގޮތަށް އިންތިޒާމް ކުރުމަށް ހެލްތް މިނިސްޓްރީއިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ހެލްތް މިނިސްޓްރީއިން އިތުރަށް ބުނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ވަގުތުތަކުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ އާންމުންނާއި ހިދުމަތް ދޭ ފަރާތްތަކުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށާއި ވީމާ އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާމަސީތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ހުރިހާ ފާމަސީތަކުގައި ހީރަސް ކޮށްފައިވާ ލިސްޓްގައި ހިމެނޭ ބޭސްތައް މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖެއްސުމަށް މިނިސްޓްރީން ފާމަސީތަކަށް އަންގާފައިވާއިރު އަސާސީ ބޭސް، ފާމަސީ ތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި ކޮންމެ ތިން މަހަކުން އެއް މަހު ފާމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯޓް ބާކީ ހުރިވަރު އެނގޭ ގޮތަށް އެމްއެފްޑީއޭ އަށް ލިޔުމުން ހުށަހެޅުމަށްވެސް ފާމަސީތަކަށް ވަނީ އަންގަފަ އެވެ.

ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީއޯއެމް) އާއި، އޯވަ ދި ކައުންޓާ މެޑިސިން (އޯޓީސީ)، ފާމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ހެލްތް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

އެމްއެފްޑީއޭއިން އެކުލަވާލާފައިވާ އަސާސީ ބޭހުގެ ލިސްޓްގައި 258 ބޭހެއް ހިމެނެ އެވެ. މި ލިސްޓް އަޕްޑޭޓްކޮށް، ޕަބްލިޝްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

އަސާސީ ބޭހުގެ ލިސްޓަކީ ސިއްހީ ދާއިރާ ތަޖުރިބާކާރުންގެ ފަންނީ ލަފަ އާއި އިރުޝާދާއެކު ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ އެސެންޝިއަލް މެޑިސިން ލިސްޓް ނަމޫނާ އަކަށް ބަލައިގެން ރާއްޖޭގެ ސިއްހީ ހާލަތަށް ރިޔާއަތްކޮށް، ކޮންމެ ދެ އަހަރުން އެއް އަހަރު އަޕްޑޭޓްކޮށް، ޕަބްލިޝް ކުރާ ލިސްޓެކެވެ.