އައްޑޫން އިތުރު 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އައްޑޫ ސިޓީ އިމަޖެންސީ އޮޕަރޭޝަނުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެ ސިޓީން ނެގި 182 ސާމްޕަލްއަކުން އިތުރު 27 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

އައްޑޫން މިހާތަނަށް ޖުމްލަ ޖުމްލަ 29،934 ސާމްޕަލެއް ނަގާފައިވާއިރު، އޭގެ ތެރެއިން 2،225 މީހު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި 1،882 މީހަކު މި ބަލިން ރަނގަޅުވެފައިވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން ގެންދަނީ ތިން މީހަކަށެވެ. އައްޑޫން ކޮވިޑް ޖެހިގެން ނުވަ މީހަކު ނިޔާވެފައިވެ އެވެ. އަދި ސީދާކޮށް އެއްތާވި މީހުންގެ ގޮތުގައި 235 މީހުން މިހާތަނަށް ފާހަގަކޮށްފައިވެ އެވެ.

އައްޑޫގައި ކޮވިޑް ފެތުރުނަ ނުދި ހުއްޓުވުމަށް އެ އަތޮޅުގެ ސިޓީ ކައުންސިލުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. މިގޮތުން އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން މަނާކޮށްފައިވާއިރު، އެއްވެ ނޫޅުމަށާއި، ސެލޫން އާއި ޖިމްތައް ފަދަ ތަންތަން ބަންދުކުރުމަށް އެ ސިޓީގެ ކައުންސިލުން އަންގައިފައިވެ އެވެ.

އައްޑޫގައި ކޮވިޑުގެ އަދަދު މައްޗަށް ދާއިރު، އެ ސިޓީގައި ލޮލު ރޯގާއާއި ޑެންގޫގެ އިތުރުން ވައިރަލް ހުން ފެތުރޭކަމަށް ވެސް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި މި ބަލިތަކުގެ އަލާމާތެއް ފެނިއްޖެނަމަ ވީހައި ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.