ފުވައްމުލަކުގެ ހޭޅިފަށުގައި މީގެ 25 ވަަރަކަށް އަހަރު ކުރިން އެކި ވައްތަރުގެ ގަސްގަހާ ގެއްސާއި ރުއްތަކުން އޮންނަނީ ފުރިފަ އެވެ. ހޭޅިފަށުގައި ހެދި ހުންނަ މަގޫ ގަސްތަކާއި ކާނި، ހިރުނދު، ކިނބި، ފުނަ ގަސްތަކާއި ދިގު ރުއްތަކާ ހެދި، ފަރުމައްޗަށް ބިންދާލާ ރާޅު ވެސް ގޮނޑުދޮށަށް ނުފައިބަނީސް ނުފެންނާނެ އެވެ. އެހާ ވެސް މިރަށުގެ ހޭޅިފަށުގައި ހެދިފައިވާ ހުންނަ ގަސްތައް ގިނަ އެވެ. އެއީ ވަށައިގެން ބިޔަ ރާޅު ނަގާ މާކަނޑުގެ މެދުގައި އެކަހެރިކޮށް އޮންނަ ރަށުގެ ހިމާޔަތަށް ލެވިފައި އޮތް ގުދުރަތީ ތޮއްޓެކެވެ. މިކަހަލަ ގަސްތައް ފެންނަނީ ރަށުގެ ވަކި ދިމާލަކުން ނޫނެވެ. އިރުމަތީ ފަރާތުން ފެށިގޮސް ހުޅަނގު އަދި އިރުމައްޗާއި ދެކުނު ފަރާތު ހޭޅި ފަށުން ވެސް އެފަދަ ހިތްގައިމު ރީތި ބިޔަ ގަސްތައް ކުރިން ފެންނާނެ އެވެ.
ނަމަވެސް އެ މަންޒަރު މިހާރު މާޒީއާއެކުވެ ނިމިއްޖެ އެވެ. ބައެއް މީހުން ބުނަނީ މިރަށުގެ ހޭޅި ފަށް އާދަޔާހިލާފު ބާރު ސްޕީޑުގައި ގިރަން ފެށީ އެއްވެސް ދިރާސާއެއް ހެދުމެއް ނެތި، 90ގެ މެދު ތެރޭގައި އިރުމަތީ ފަރާތު "ރަސްގެފަންނު" ނެރު ޑައިނަމައިޓް އަޅާ ގޮއްވައިގެން ގޮނޑުދޮށާ ޖެހެންދެން އެކްސްކަވޭޓަރު ބޭނުންކޮށްގެން، ފަސް މީޓަރު ފުންމިނަށް ކޮނުމުންނެވެ.
އެތަން ކޮނުނުތާ މާގިނަ ދުވަހެއް ނުވަނީސް އާދަޔާ ހިލާފަށް ރަސްގެފަންނު ސަރަހައްދު ގިރައި، ރުއްތަކާއި ގަސްތައް ވެއްޓި، ރަށުގެ އާނުގަނޑާ ޖެހެންދެން ފަސްގަނޑު ގިރައި މޫދަށް ފައިބައިގެންދިޔަ އެވެ. އަދި ކުރިން އަރައިފައިބަން ބޭނުންކުރި ނެރު ބަންދުކޮށް ސިމެންތިން ތޮއްޓެއްލިއިރު، ގޮނޑުދޮށުން ފެށިގެން އެއްގަމަށް 100 ވަރަށް ފޫޓު އޮތީ ގިރާލައިފަ އެވެ.
މިއީ އޭރު ތިބި ވެރިން ވިސްނާ ނުލައި ކުރި ކަމަކުން ނުކުތް ހިތި ނަތީޖާ އެވެ. އަދިވެސް އުޅެނީ އެ ސަރަހައްދު ހިމާޔަތް ނުކުރެވިގެންނެވެ.
ރަށްގިރުން ބަނދަރު ހެދުމާ ގުޅިފައި؟
އޭގެ ފަހުން 2000 ވަނަ އަހަރު މިރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށީ ވެސް އެކަށީގެންވާ އެންވަޔަރުމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)އެއް ނެތި ހިތުލަފަޔަށް ކަމަށް މިރަށުގެ ކަމުވޮށިގެންވާ ބައެއް މީހުން ބުންޏެވެ.
"ބައެއް މީހުން ބުނަމުންދިޔަ ބަނދަރު ހެދި ތަނުގެ ގޮތުން މިރަށުގެ ވަށައިގެން ދައުރުކުރާ ވެލިގަނޑު ދައުރުވުން ހުއްޓޭނޭ. އަކިރި ލެއްގުމާއި ދޮންވެލިގަނޑު ދައުރުވުން ހުއްޓިއްޖެ ނަމަ ރަށްގިރުން ކޮންޓްރޯލެއް ނުވާނޭ،" މި ރަށު ދުވަސްވީ ކެޔޮޅަކު ބުންޏެވެ.
މިހާރު މިރަށުގެ އިރުމަތި ފަރާތުން ފެންނަމުން ދަނީ އޭނާ ބުނި ފަދަ މަންޒަރެވެ. ރަށިކެޑެ ސަރަހައްދުގައި ހަދާފައިވާ ބަނދަރުން ފެށިގެން ހޯދަޑު އަވަށު އަނބުލު ފަންނާ ދެމެދުން ގާތްގަނޑަކަށް ވިއްސަކަށް ފޫޓަށް ވަނީ ގިރާލައި، އެ ސަރަހައްދުގައި ހުރި ގިނަ ރުއްގަސްތައް ގޮނޑުދޮށަށް ފައިބައިފަ އެވެ.
ގާތްގަނޑަކަށް ތިން ކިލޯ މީޓަރު ދިގު އެ ސަރަހައްދު އާދަޔާ ހިލާފަށް ގިރައި، ފަސްގަނޑު ކަނޑައިގެން ގޮސް ބޮޑު ބައެއް މިހާރު ވަނީ ނެތިގެންދާން ފަށައިފަ އެވެ. ރަށުތެރެއަށް ލޮނުގަނޑު އަރައިގެން ހިނގައިދާނެތީ ތިބީ ބޮޑު ބިރުވެރިކަމެއްގަ އެވެ.
"އެއީ މިރަށް ނެތި ދިއުމުގެ ފެށުން. މިހާރު މިފެންނަ ކަންކަމަށް އަމަލީ ސިފައެއް ނާންނަ ނަމަ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި އަތިރިމައްޗަށް ކައިރީގައި ހުރި ބައެއް ގެތަކަށް ރާޅު އަރަން ފަށާނެ. އަދި ރަށުތެރެއަށް ވެސް ލޮނުގަނޑު އަރަން ފަށާނެ،" ވަން ފުވައްމުލައްގެ ނަމުގައި މިރަށުގައި ހެދި ތިމާވެށީގެ ޖަމިއްޔާގައި އިސްކޮށް އުޅުނު މީހަކު ބުންޏެވެ.
އަޑު އުފުލަން ހެދި ޖަމިއްޔާގެ އަޑު ވެސް ކެނޑިއްޖެ
"ވަން ފުވައްމުލައް"ގެ ނަމުގައި 2017 ވަނަ އަހަރު އެ ޖަމިއްޔާ ހަދައިގެން އުޅުނުއިރު ރަށުގެ ގޮނޑުދޮށާއި ރަށުތެރެ ސާފުކުރުމުގެ ވަރަށް ގިނަ ހަރަކާތްތައް ހިނގި އެވެ. އަދި ރަށްގިރުމާއި ތިމާވެށީގެ އެކި މައްސަލަތަކުގައި އަޑު އުފުލައި އާއްމުން ހޭލުންތެރިކުރުމުގެ ތަފާތު ކެމްޕޭންތައް ހިނގި އެވެ.
ނަމަވެސް މިހާރު އެ ޖަމިއްޔާގެ އަޑެއް ނީވެ އެވެ. ވަން ފުވައްމުލަކުގެ ވެބްސައިޓް ވެސް ގަވައިދުން އަޕްޑޭޓްނުކުރާތާ އެތައް މަހެއް ވެއްޖެ އެވެ. އެންމެ ފަހުން ވެސް އެ ވެބްސައިޓްގައި ޝާއިއުކޮށްފައި ވަނީ ސަރުކާރުން ޕްރޮމޯޓްކުރާ ހޯމް ސްޓޭ ޓޫރިޒަމާ ބެހޭ ގޮތުން މިރަށުގައި ބޭއްވި ވޯކްޝޮޕެއްގެ ވާހަކައެކެވެ.
މަސްލަހަތަށްޓަކައި ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ އެމީހާ ބުނީ ރަށުގެ ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި އެ ޖަމިއްޔާއިން ފެށި "ސޭވް ފުވައްމުލައް" ހަރަކާތް މިހާރު އޮތީ ހުއްޓިފައި ކަމަށެވެ. އަދި އެ ހަރަކާތުގެ ވާހަކަދައްކާނެ ބަޔަކު ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
"މިއީ ވަރަށް ދެރަ މައްސަލައެއް. މިރަށް ގިރަގިރަމުން ގޮސް ނެތިގެންދާ ހިސާބަށް ދިޔައިރު އެކަމާ އަޑު އުފުލާނެ އެންޖީއޯއެއް ނެތުމަކީ ވަރަށް ހިތާމަވެރިކަމެއް،" އެ ހަރަކާތުގައި އިސްކޮށް އުޅުނު އެކަކު ބުންޏެވެ.
އެ ޖަމިއްޔާގެ ފައުންޑަރަކީ ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގެވެ. މޭޔަރުކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު "ހުރިހާ"އަށް ދެއްވި އިންޓަވިއުއެއްގައި ރަށުގެ ވެށި ހިމާޔަތްކުރުމުގައި ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާނެކަމުގެ ވާހަކަ ވެސް ދެއްކެވި އެވެ. އަދި އެ ބައިވެރިވުން ހޯއްދެވުމަށް ތިމާވެށްޓާ މެދު އާންމު ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ހިންގެވުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެކަމަށްޓަކައި ތައުލީމީ ނިޒާމުގެ ތެރެއިންނާއި އާންމު ރައްޔިތުންނާ ސީދާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަވަން ގަސްދުކުރައްވާ ކަަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން އިސްމާއިލް ގަބޫލު ކުރައްވާ ގޮތުގައި ރިސައިކަލިންގެ ބޮޑު ބައެއް ހިމެނޭހެން ރަށުގެ ކުނި މެނޭޖުކުރުމާއި ރަށް ފެހިކުރުމަށް އިތުރު ސަމާލުކަމެއް ދޭން ޖެހެ އެވެ. މޭޔަރު އެ ދެއްކެވި ވާހަކަތަކުގެ އަމަލީ ސިފައެއް އަދި ނުފެނެ އެވެ. މޭޔަރުކަމުގެ ދައުރު ނިމުމުގެ ކުރިން ފެންނާނެ ކަމަށް ބައެއް މީހުން އުއްމީދުކުރެ އެވެ.
މިހާ ގިނަ ސިޔާސީ އަދި ތިމާވެށީގެ ކަންކަމުގައި އަޑު އުފުލާ މީހުން ތިބި ރަށުގައި މިހާރު މިރަށް ގިރާތީ ކަންބޮޑުވެގެން އެ ވާހަކަދައްކާނެ ބަޔަކު ނެތުމަކީ ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ. ކުރިން އެކަމާ އަޑުއުފުލި ބައެއް މީހުން ސިޓީ ކައުންސިލަށް ހޮވި އަދި ސިޔާސީ މަގާމުތަކަށް ލިބުމުން މިހާރު ވަނީ އަނގަ ބަންދުވެފަ އެވެ. އޭރު ފޮޓޯތައް ނެގި ބޭނުން ފުދުމުން "ސޭވް ފުވައްމުލައް" ހަރަކާތަށް ވެސް ވަނީ ފަސް އަޅައި ފޮރުވައިފަ އެވެ.
ތޮށިލުމާ ބެހޭ ގޮތުން ސަރުކާރުން ދައްކަނީ "ހުސް" ވާހަކަ
ފުވައްމުލަކު ގިރާ ސަރަހައްދުގައި ތޮށިލުމުގެ ވާހަކަދައްކާތާ ދިހަ ވަރަކަށް އަހަރުވެއްޖެ އެވެ. މީގެ ދެ އަހަރު ކުރީގެ އާކައިވްތައް ބެލިއިރު އޭޕްރިލް 2، 2019 ގައި ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދުމަށް ހަފުތާއެއްގެ ތެރޭގައި ބީލަމަށް ހުޅުވާލާނެ ކަމަށް އޭރު ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
އެ މަޝްރޫއަކީ ނެދަލެންޑްސްގެ އެއިޑް އެޖެންސީ އާއި ކުވައިތު ފަންޑުން ހަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
މިއީ، ރާއްޖޭގެ ހިންގާ ގޮނޑުދޮށް ހިމާޔަތްކުރުމަށް ރަށެއްގައި ހިންގޭ އެންމެ ބޮޑު މަޝްރޫއެވެ. ކުރީގެ ސަރުކާރުން ވެސް ލަފާ ކުރި ގޮތުގައި، އެ މަޝްރޫއަށް 300 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ލަފާކޮށްފައިވެ އެވެ. އަދި އެ މަޝްރޫއު ފެށުމަށް ފާއިތުވި ތިން އަހަރުގެ ބަޖެޓްގައި ވެސް ހިމަނަ އެވެ.
އެމްޑީޕީން 2019 ވަނަ އަހަރުގެ މަޖްލިސް އިންތިހާބާ ދިމާކޮށް މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ނުފެށި ލަސްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަންކުރި ގޮތުން ކަމަށް ވިދާޅުވެ ޝާހިދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.
ޝާހިދު ވިދާޅުވީ ވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، ދެ ފަހަރެއްގެ މަތިން ކުވެއިތު ފަންޑުގެ ޗެއާމަން އަދި ކުވެއިތުގެ ޚާރިޖީ ވަޒީރު ސަބާހު އަލް ޚާލިދު އަލް ސަބާހާ ބައްދަލުކުރައްވައި އެ މަޝްރޫއުއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރު މަޝްރޫއު ބިޑަށްލުން ފިޔަވައި އިތުރު ކަމެއް ނުކުރެވެ އެވެ. މަސައްކަތްކުރާނެ ކޮންޓްރެކްޓަރެއް ހަމަޖައްސަން އުޅޭތާ ވެސް އެތައް މަހެއް ފާއިތުވެއްޖެ އެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓެއް ހަމަނުޖެހި ދިގުލައިގެން ދަނީ އެވެ. ރަށްގިރުމުގެ މައްސަލައަށް ހުއްޓުމެއް އައީއެއް ނޫނެވެ. މިހާރު އެ ވާހަކަދައްކާނެ މަޖްލިސް މެމްބަރެއް ސިޔާސީ ވެރިއެއް ވެސް ނެތެވެ. މިދިޔަ މަހުގެ ފަހުކޮޅު ނައިބު ރައީސް ފައިސަލް ނަސީމް މިރަށަށް ވަޑައިގެން ކުދިކުދި މަޝްރޫއުތައް އިފްތިތާހުކޮށްދެއްވިއިރު، ރަށްގިރާ ސަރަހައްދު ބައްލަވާލައްވަން ވެސް ވަޑައިނުގަންނަވަ އެވެ.
ތޮށިލުމުގެ މަސައްކަތް ފެށުން، މަހެއް ނިމުމުން އަންނަ މަހަށް އަދި އަހަރެއް ނިމުމުން އަންނަ އަހަރަށް ސޮއްސާލައިގެން ދަނީ އެވެ. ފުވައްމުލަކު ގިރާ ސަރަހައްދު ތޮށިލުމުގެ މަސައްކަތް މިވަނީ އިނބިލީހުގެ ކައިވެންޏަށްވެފަ އެވެ.
ފުވައްމުލަކުގެ ގޮނޑު ދޮށް ހުސްވެ ދިޔައީ ވަރަށް ބޮޑަށް އިހުމާލު ވެވިގެން ރަށުގެ ގޮނޑުދޮށުން ވެއޔާ އަކިރި ނަގައިގެން ގޮސް މާލޭ ގެތައް ބިނާ ކޮށްފައި ވެސް އެބަހުރި
ތިމާވެށި މިިނިސްޓަރު ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ