އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލްގައި ވިހޭ ކުއްޖަކު އެހޮސްޕިޓަލުގެ އިހުމާލުން މަރުވި މައްސަލަ ފެންމަތިވެއްޖެ އެވެ.
ރޭ ފަތިހުގެ ވަގުތެއްގައި ވިހޭ އެކުއްޖާއަކީ ގދ. ވާދޫ އަށް ނިސްބަތްވާ ދެމަފިރިއަކަށް ލިބުނު ކުއްޖެކެވެ. އަދި އެއީ އެދެމަފިރިންނަށް ލިބުނު ހަމައެކަނި ދަރިފުޅެވެ.
މި މައްސަލަ އާއި ގުޅިގެން މީޑިޔާތަކަށް މައުލޫމާތުދެމުން އެ އާއިލާގެ މީހަކު ބުނީ އައްޑޫއަށް ދިޔައީ ވިހަން ދިޔަ ރަށް ކަމަށްވާ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ކަމަށެވެ. އެހެންނަމަވެސް އެ ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް ނެތުމުން އެރަށުގައި ނުވިހުނު ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ މި ސަބަބާ ހުރެ ނަރުހަކާއެކު ތިން ވަރަކަށް ދުވަސް ކުރިން ވިހަން ދިޔައީ އައްޑޫ އިކުރިޓޯރިއަލް ހޮސްޕިޓަލަށް ކަމަށެވެ.
އޭގެ އިތުރުން އޭނާ ބުނީ އަންހެން މީހާ ވިހާނެކަމުގެ ޔަގީންކަން އެ ހޮސްޕިޓަލުން ދިންނަމަވެސް، ވިހާ ގަޑި ޖެހުނު އިރުވެސް ޑޮކްޓަރެއް ނާންނަ ކަމަށެވެ. އަދި ވިހާ ގަޑިޖެހިގެން އެތަށް އިރެއް ވެގެންދިޔައިރުވެސް ވިއްސަން އެ ހޮސްޕިޓަލަށް އެއްވެސް ޑޮކްޓަރެއް ނާންނަ ކަމަށް މަރުވި ކުއްޖާގެ މަންމަ ބުނެ އެވެ.
އެ ހޮސްޕިޓަލުގެ އިހުމާލު އޮތްކަމަށް ތުހުމަތުކޮށް މީގެ ކުރިން ވެސް ތުއްތު ކުއްޖަކު މަރުވެފައިވާ މައްސަލަ ފެންމަތިވެފައިވެ އެވެ. އެގޮތުން ކޮވިޑަށް ފަރުވާކުރަމުން ގެންދިޔަ ކުޑަ ތުއްތު ކުއްޖަކު ހުން އައިސް ހާލަތު ގޯސްވުމާއި ގުޅިގެން ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސެއް ނެތި ފަރުވާ ނުލިބި ގިނަ އިރުވުމާއި ގުޅިގެން ކުއްޖާ ވަނީ ނިޔާވެފަ އެވެ.
މި މައްސަލަ އާއި ގުޅިގެންވެސް ހޮސްޕިޓަލުގެ އިހުމާލު އޮތްކަމަށް އާއިލާއިން ތުހުމަތުކުރާއިރު، ހޮސްޕިޓަލަށް ގެންދިއުމަށްފަހު ވެސް ޑޮކްޓަރު އަންނަންދެން އެތަކެއް އިރެއް މަޑުކުރަން ޖެހުމުގެ ސަބަބުން ކުއްޖާއަށް ފަރުވާ ނުލިބު ދިޔަކަމަށް ކުއްޖާގެ ބައްޕަ ބުނެ އެވެ.