ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރެވޭ ދައުވާގެ އަސްލާ ގުޅޭ ވޮޑަމުލާގެ ޗެކް އެސްއޯއެފަށް ލިބުނު ކަމާމެދު ޝައްކު އުފެދިއްޖެ އެވެ.

ކްރިމިނަލް ކޯޓުން އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އަސްލު ގުޅިފައި އޮތް ޗެކް އެސްއޯއެފްގެ އެކައުންޓަށް ޖަމާވިތޯ މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވަނީ ދައުލަތާއި ސުވާލު ކޮށްފަ އެވެ.

މިއަދުގެ އަޑުއެހުމަކީ މައްސަލަ ދިރާސާކުރަމުން ދިޔައިރު ފާހަގަވި ކަމަކާ ގުޅޭ ގޮތުން ބައެއް ކަންކަން ސާފުކުރުމަށް ބާއްވާ އަޑުއެހުމެއްކަމަށް ފަނޑިޔާ މަހާޒް އަލީ ޒާހިރު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދައުލަތާއި ސުވާލު ކުރެއްވީ ޑިޕޮސިޓް ސްލިޕްގައި އޮތް ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާނުވަނީ ކީއްވެތޯ އެވެ. އަދި މިޗެކަކީ މިމައްސަލައިގައި ހިމެނޭ އެއްމިލިއަން ޑޮލަރުގެ ޗެކްތޯ ފަނޑިޔާރު މަހާޒް ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުގެ ވަކީލް އަހްމަދު ނައުފަލް ވިދާޅުވީ ސުޕްރީމް ކޯޓުން ހިއްސާ ކޮށްފައިވާ ޗެކަކީ މިމައްސަލައިގައި ވާހަކަ ދެކެވޭ އެއްމިލިއަން ޑޮލަރުގެ ޗެކް ކަމަށެވެ.

އެހެންނަމަވެސް އެސްއޯއެފްގެ ބޭންކް އޮފް ސްޓޭޓްމަންޓްގެ ޗެކްގެ ނަމްބަރާއި ޑިޕޮސިޓް ސްލިޕްގައި އޮތް ނަމްބަރު ދިމާނުވާ ކަމަށް ދައުލަތުގެ ވަކީލް ވެސް މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ވަނީ އިއުތިރާފްވެފަ އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ދައުލަތުން ބެލި ބެލުމުން ފާހަގަ ކުރެވިފައިވާ ގޮތުގައި ޗެކަކީ މޮރިޝަސް ކޮމާޝަލް ބޭންކްގެ ޗެކެއް ކަމަށާއި އެޗެކް އެންޓަރ ކުރިއިރު ހަތަރަކާއި ފަހެއް އޮޅިފައި އޮތް ކަމަށް ދައުލަތުން ބެލި ބެލުމުން އެނގޭ ކަމަށެވެ. "ދައުލަތައް ގަބޫލު ކުރެވެނީ އެންޓަރ ކުރުމުގައި ދެއަކުރުގެ އޮޅުމެއް އޮތީ ކަމަށް،" ދައުލަތުގެ ވަކީލް ނައުފަލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ވޮޑަމުލާ ކިޔާ ރަށެއް ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ކަމަށް ބުންޏަސް އެކަން ސާބިތު ނުވާ ކަމަށް ބުނެ ޔާމީންގެ ފަރާތުން އިސްތިއުނާފްގައި ކުރިން ވެސް ފާހަގަކޮށްފައިވާ ކަމެކެވެ. އެއީ ޑިޕޮސިޓް ސްލިޕުން ފެންނަން އޮންނަ އެއް މިލިއަން ޖަމާވި ޗެކް ނަންބަރާއި އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓުގައި އޮތް ޗެކް ނަންބަރު ދިމާނުވާތީ އެވެ.

ޔާމީންގެ ފަރާތުން ޝަރީއަތުގައި ބުނެފައިވަނީ އެމްއެމްޕީއާރްސީން އެސްއޯއެފަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނެފައި އޮތަސް އެ ފައިސާ ޖަމާކުރި ޗެކް ޝަރީއަތަށް ހުށަހަޅާފައި ނެތް ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ފަނޑިޔާރު މަހާޒް ސުވާލުކުރެއްވުމުން ޕަބްލިކް ޕްރޮސެކިއުޓަ އަހްމަދު ނައުފަލް ވިދާޅުވީ ޔާމީނަށް ޗެކް ޖަމާކުރި ޑިޕޮސިޓް ސްލިޕާއި އެކައުންޓް ސްޓޭޓްމަންޓުގައި އޮތް ޗެކް ނަންބަރު ދިމާނުވާކަން އެނގުނީ ދައުވާކުރި ފަހުން ކަމަށެވެ. ވަކީލް ވިދާޅުވީ އެގޮތަށް ލިޔުންތަކުން ދައްކަނީ އޮޅުމަކުން ކަމަށް ބެލެވޭ ކަމަށެވެ. ނައުފަލް ވިދާޅުވީ އެގޮތަށް ބަލަން ޖެހެނީ ޗެކްގެ ތާރީހާއި އަދަދު ދިމާވާތީ ކަމަށާއި އޮޅުން އަރާފައިވަނީ ބޭންކުން ޗެކް ނަންބަރު އެންޓަަރކުރުމުގައި ކަމަށެވެ.

ދައުވާކުރި އިރު ވެސް މިކަން މިގޮތަށް ހިނގާފައިވާކަން އެނގޭތޯ ސުވާލުކުރުމުން ނައުފަލް ވިދާޅުވީ ކުރިން އެކަން ނޭނގޭ ކަމަށެވެ. އަދި ފަހުން އެކަން އެނގިގެން ތަހުގީގުކުރާ ފަރާތުން އެކަން ސާފުކޮށްފައިވާ ކަމަށްވެސް ނައުފަލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްސަލާގައި މި ޗެކް ހުށަނޭޅި އޮތަސް ޒިޔަތުގެ މައްސަލާގައި މި ޗެކް ހުށަހަޅާފައި އެބަ އޮތް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗެކް ލިބިފައި އޮތްކަން ނޭނގި އޮތީ ޕީޖީ އޮފީހުގައި މަސައްކަތް ރޭވިފައި އޮތް ގޮތުން އެއް ބަޔަކު ގެންގުޅޭ ލިޔުންތައް އަނެއް ބަޔަކަށް ނުފެންނާނެތީ ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލުންނަށް ފުރުސަތު ދެއްވުމުން ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ އެއީ އޮޅުމެއް ކަމަށް ދައުލަތަށް ނުބުނެވޭނެ ކަމަށާއި ލިބިފައި ހުރި ލިޔުމެއް ވިއްޔާ އެއީ ދައުލަތަށް ލިބިފައި ހުރި އެއްޗެހި ކަމަށެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ކޮންމެ ވަކީލަކީ ވަކި ދައުލަތެއް ނޫން ކަމަށާއި ޗެކް ނަމްބަރު އޮޅިފައިވާނަމަ އެކަން ކްރިމިނަލް ކޯޓުން ވެސް ފާހަގަކުރާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު މަހާޒް ވިދާޅުވީ ނޮވެމްބަރު މަސްނިމުނުގެ ކުރިން ސުޕްރީމް ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން މައްސަލައިގެ ހުކުމެއް އިއްވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.