މިއަދުގެ ތަހުޒީބުގެ ދުނިޔޭގައި ވެސް އިންސާނުން އިލްމީ ގޮތުންނާއި އެހެން ގޮތްގޮތުން ކިތަންމެ ބޮޑަށް ކުރިއަރައިގެން ދިޔަ ކަމަށް ވީނަމަވެސް ބައެއް ކަންކަމުގައި، ބައެއް މީހުންގެ ވަރަށް ވެސް ނާތަހުޒީބު ވިސްނުން އަދިވެސް ހުރެ އެވެ.
ބައެއް މީހުން ދެކޭ ގޮތުގައި އޯޓިޒަމް ކުދިންނަކީ ސިކުނޑީގެ އުނިކަމެއް ހުންނަ ކުދިން ނުވަތަ މޮޔައިންނެވެ. މިހާރަކަށް އައިސް މަލާމާތުގެ ގޮތުން ވެސް އަދި ދެރަ ކޮށްލުމުގެ ގޮތުން ވެސް އޯޓިޒަމް ބޭނުންކުރެ އެވެ. މިފަދަ ބައެއް ހުތުރު އަމަލުތަކުގެ ސަބަބުން އެފަދަ ކުދިންނާއި އެފަދަ ކުދިންގެ ބެލެނިވެރިން ވަރަށް ބޮޑަށް ހިތްދަތިވެ އެވެ.
އޯޓިޒަމް ދެނެގަންނާނީ ކިހިނެއް؟
އޯޓިޒަމްއަކީ ކުއްޖާގެ އުފެދުމުގައި ސިކުނޑީގެ މައްސަލަތަކެއް ހުރުމުވެ. މިފަދަ ކުދިން ޅަފަތުގައި ވަރަށް އަވަހަށް ދެނެގަނެވެ އެވެ. އަދި އެ ކުދިންގެ ކިބައިން އެހެން ކުދިންނާ ތަފާތު އަމަލުތައް ފެނެ އެވެ. އޭގެ ތެރޭގައި މިފަދަ ކުދިންގެ ވާހަކަ ދެއްކުންތެރިކަމާއި އެހެނިހެން އިޖުތިމާއީ ކަންކަން ކުރުމުގައި ތަފާތު ކަމެއް ވެސް ހުރެ އެވެ. ބައެއް ކުދިން ވަރަށް ތޫނު ފިލި އެވެ.
އެހެން ކުދިން ކަންކަން ދެނެގަންނަލެއް ލަހެވެ. ބައެއް ކުދިން ވަރަށް ރުޅިގަދަ އެވެ. އެކި ކުދިންގެ ހުންނާނީ އޯޓިޒަމްގެ އެކި ސްޓޭޖްތަކެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އޯޓިޒަމަށް މުޅިން ފަރުވާއެއް ދެވެން ނެތް ކަމަށްވީ ނަމަވެސް ތަފާތު އެސެސްމެންޓްތަކާއި ބިހޭވިއަރަލް ތެރަޕީތައް ދީގެން މިފަދަ ކުދިންނަށް ކުރިއެރުން ލިބިފައި އެބަހުއްޓެވެ.
އޯޓިޒަމް ކުދިންނަށް ދިމަވާ ދަތި އުނދަގޫތައް
މުޖުތަމައުގައި މިހާރުގައި ވެސް މަދުން ނަމަވެސް އޯޓިޒަމް ކުދިންނާ މެދު ތަފާތުކުރުންތައް ގެންގުޅޭތަން ފެނެ އެވެ. އޭގެ ތެރޭގައި އެ ކުދިން ބާކީކޮށް އެކަހެރިކޮށްފައި ބެހެއްޓުން ހިމެނެ އެވެ. އެ ކުދިންނަށް ވެސް އެހެން މީހުންނެކޭ އެއްފަދައިން ލޯތްބާއި އަޅާލުން ބޭނުންވެ އެވެ. އެހެން ކުދިންނެކޭ އެއްފަދައިން އެންމެ އަސާސީ ތައުލީމާއި ކުޅިވަރު ފަދަ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބެންޖެހެ އެވެ.
ރާއްޖޭގައި އޯޓިޒަމަށް ހޭލުންތެރިކުރުމަށް ހިންގާ ހަރަކާތްތައް
ގިނަ މީހުން އޯޓިޒަމަށް ހޭލުންތެރިކުރަން ރާއްޖޭގައި އެންމެ ފުންނާބު އުސްކޮށް ހިންގާ އެއް އެސޯސިއޭޝަން އަކީ އޯޓިޒަމް އޮފް އެސޯސިއޭޝަން އެވެ. މި އެސޯސިއޭޝަނުން އޯޓިޒަމް ކުދިންނަށް އެކިއެކި ޕޮރޮގްރާމްތައް ހިންގަ އެވެ.
ދިރާސާތަކުން ވެސް ރާއްޖޭގައި އޯޓިޒަމް ކުދިންގެ ވަކި އަދަދެއް ކަނޑައެޅިގެން ނޭނގެ އެވެ.
އޯޓިޒަމްއަކީ އެއްވެސް ފަރުވާއެއް އޮތް ބައްޔެއް ނޫނެވެ. ނަމަވެސް އެފަދަ ކުދިންނަށް މުޖުތަމައުގެ ފަރާތުން ލޯތްބާއި އަޅާލުން ލިބޭ ނަމަ މިފަދަ ކުދިންގެ ހާލަތު ރަނގަޅު ކުރެވިދާނެ އެވެ. ނުކުޅެދުންތެރި ކަމެއް ހުރި ނަމަވެސް އެއްވެސް މީހަކު ބާކީ ނުކުރަމާ ހިނގާށެވެ. އެފަދަ ކުދިންގެ ވެސް ސަލާމަތުން ހުރި ހިއްސުތަކެއް އެބަހުއްޓެވެ.