ދެކުނު ކޮރެއާގެ ޕޮޕް މިޔުޒިކް ބޭންޑެއްކަމަށްވާ، "ބީޓީއެސް"، ލޮސްއެންޖެލްސްގެ "ސޯފީ" ސްޓޭޑިއަމްގައި ބާއްވާ, އެބޭންޑްގެ ޕީޓީޑީ ސްޓޭޖް ލައިވް(ޕާރމިޝަން ޓު ޑާންސް ލައިވް) ފެށުމަށް ކުރެވެމުންދާ އިންތިޒާރުގެ ގަޑި، އަދި ގުނަމުން އަންނަ ކައުންޓްޑައުން ނިމެން ގާތްވަމުން އަންނަ ވަރަކަށް ސްޓޭޑިއަމް ދަނީ ފުރެމުންނެވެ.

މިނޮވެމްބަރ މަހުގެ 27،މިރޭ އަދި 28ވަނަ ދުވަހުގެ ރޭ,މާދަމާރޭ އާއި ޑިސެމްބަރ މަހުގެ 1،2ގައި ބޭއްވޭ މިޝޯވއަށްޓަކައި ލޮސްއެންޖެލްސްގެ ސޯފީ ސްޓޭޑިއަމް ތައްޔާރު ކުރެވިފައި ވަނީ ވަރަށްވެސް ފުރިހަމަ ކުލަތަކުންނެވެ. އެތަކެއް ޅަޒުވާން ހިތްތަކުގެ ރަސްގެފާނު، "ޔޫ ޓިއުބް" އިން ހޮވާ އަހަރުގެ އެންމެ ރީތި ދިހަ ފިރިހެނުންގެ ތެރެއިން، މިެ2021ގެ އެންމެ ރީތި ފިރިހެނާގެ ފަޚުރުވެރި މަޤާމް ހޯދާފައިވާ، 25 އަހަރުގެ "ކިމް ޓޭހްޔުންގ" ނުވަތަ ސްޓޭޖް ނަމުންނަމަ "ވީ" އާއި "ބުލެޓްޕްރޫފް ބޯއިސްކައުޓް"(ބެންގޓަން ސޮނިޔެންޑަން)ގެ ލީޑަރ ކިމްނަމްޖޫން ނުވަތަ "އާރްއެމް"، ބީޓިއެސްގެ މަންމަގެ ނަމުން މަޝްހޫރުވެފައިވާ ބޭންޑްގެ އެންމެ ދޮށީ މެންބަރ ޖިން، އަދި ޖަންގކުކް، ޖޭހޯޕް، ޖިމިން، މިހަތް މެމްބަރުން މިވަގުތު ދަނީ މިރޭގެ ޝޯވއަށް ވަރަށް ފުރިހަމައަށް އެހާމެ ޖޯޝާއި ފޯރީގައި ތައްޔާރުވަމުންނެވެ. މިބޭންޑް ވަނީ މިއަހަރު އެމެރިކާގައި ދެވޭ އެންމެ ފަޚުރުވެރި އެއް އެވޯޑްކަމަށްވާ "އެމެރިކަން މިޔުޒިކް އެވޯރޑްސް"ގެ ތިން މަޤާމެއް ކަށަވަރުކޮށް އެވޯޑް ޙާޞިލުކޮށްފައެވެ. އޭގެ ތެރޭގައި "އެންމެ މޮޅު އާރޓިސްޓް"ގެ އެވޯޑްވެސް ހިމެނެއެވެ. ހަމައެހެންމެ މިބޭންޑްގެ ލަވަތައް އެމެރިކާގެ ބިލްބޯޑް ހިޓްސް ޗާޓްގެ އެއްވަނައިގައި ވަނީ ހިމެނިފައެވެ.

އެއްދުވަސްވަރެއްގައި ދިވެހިންގެ ސިޓިންގރޫމްގެ ޓީވީތަކުން "ކަސައުޓީއިން ފެށޭ ޑްރާމާ ސިލްސިލާތައް ކިޔުނކީ،ކަހާނީގަރްގަރްކީއިން، ޕްރިޒަންސްބްރޭކް އާއި ޑެސްޕެރޭޓެޑް ހައުސްވައިވްސް އިން ގޭމް އޮފް ތްރޯންސް،ދަ ފްލޭޝް، އަދި އޮރިޖިނަލްސް."އަށް ދިގުލައިގެންދިޔަ ހިންދީ އަދި އިނގިރޭސި ޑްރާމާތަކުގެ ސިލްސިލާގެ ތެރެއަށް މިއަދު ތުރުކީ ވިލާތާއި ކޮރެޔާގެ ޑްރާމާތައް އިތުރުވެ ދިވެހިންގެ ހިތްތަކުގައި ކޮރެޔާގެ ޑްރާމާތަކާއި ލަވަތައް ވަނީ ޚާއްޞަކަމެއް ހޯދާފައެވެ. ކޮރެޔާ ޑްރާމާތަކަށް ދެމުން އަންނަ ޝައުޤުވެރިކަމާއިއެކު، މިވަގުތު އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައިވެސް އެންމެ މަޝްހޫރު އެއް ބޭންޑަށް ވެފައިވާ، 2010ގައި ވުޖޫދަށްއައި ނަމަވެސް، 2013ވަނަ އަހަރުގެ ޖޫން 13ގައި މިޔުޒިކީ ދުނިޔެއަށް ތަޢާރަފްވި، ކޮރެޔާގެ މިބޭންޑަކީ، މިއަދު ކާމިޔާބުކަމާއިއެކު ލަވައާއި މިޔުޒިކްގެ އުދަރެހުގައި ބަބުޅަމުންދާ އަދިވެސް ހަމަ އެހާމެ އުއްމީދީ ބޭންޑެކެވެ.