ތެލް އަވީވް (29 ނޮވެމްބަރު) އެމެރިކާއާއި އީރާނާ ދެމެދު މިއަދު ފަށަން ހަމަޖެހިފައިވާ ނިއުކްލިއާ މަޝްވަރާތަކާއެކު އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނަގަން އެމެރިކާއިން ވިސްނަމުން ދާތީ އިޒްރޭލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

"އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމާއެކު އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަށް ހޭދަކުރަން ބިލިއަނުން ފައިސާ ލިބޭނެތީ އިޒްރޭލުން ކަންބޮޑުވޭ" އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވި އެވެ.

ނަފްތާލީ އިތުރަށް ވިދާޅުވީ މިއީ އެމެރިކާގެ އިތުރުން އީރާނާއެކު ނިއުކްލިއާ ގުޅުން ބަދަހި ކުރަން މަސައްކަތްކުރާ ހުރިހާ ގައުމުތަކަށް އިޒްރޭލުން ދޭ މެސެޖެއް ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ބާރުތައް ހިމެނޭހެން އެމެރިކާއާއި އީރާނާ ދެމެދު މިއަދު ވިއެނާގެއި ފަށާ ނުސީދާ މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ 2015 ވަނަ އަހަރު ވެވުނު ނިއުކްލިއާ އެއްބަސްވުން އަލުން އިޔާދަ ކުރުމެވެ.

އިޒްރޭލަކީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމާ އެންމެ ދެކޮޅު ހެދި އެއް ގައުމެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓަރަމްޕްގެ ވެރިކަމުގައި އެ އެއްބަސްވުމާ ޚިލާފުވެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު އިޒްރޭލަކީ އެކަމަށް އެންމެ ބާރުއެޅި ގައުމެވެ.

މިދިޔަ އޮގަސްޓް މަހު ބެނެޓްއާއި އެމެރިކާގެ ރައީސް ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ބައިޑަން ވަނީ އީރާނާއެކު ޑިޕްލޮމެޓިކް ގުޅުންތައް ނާކާމިޔާބު ވެއްޖެނަމަ އިތުރު ގޮތްތައް ވެސް އެބަހުރި ކަމަށެވެ. – އަލް އަރަބިއްޔާ