ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫއު 300 މިލިއަން ރުފިޔާއަށް ޑެންމާކްގެ އެމްޓީ ހޯގާޑާ ހަވާލުކުރަން ނިންމައިފި އެވެ.
މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ އިރުމަތީ ފަރާތު 2،650 މީޓަރުގެ ބޮޑު ސަރަހައްދެއް ހިމާޔަތްކުރަން އެއްގަމުތޮށިލާން ހަމަޖެހިފައިވެ އެވެ. މި މަޝްރޫއު ނިންމަން ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާތާ 606 ދުވަހުގެ ތެރޭގަ އެވެ.
ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްރަށުގެ ބަނދަރު ހެދުމާއި ތޮށިލުމުގެ މަސައްކަތްކޮށްފައިވާ އެމްޓީ ހޯގާޑަކީ، 2003 ވަނަ އަހަރު ހުޅުވި މި ރަށުގެ ބަނދަރުގެ މެއިން ކޮންޓްރެކްޓަރެވެ. މިއީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ހެދި އެންމެ އަގު ބޮޑު އަދި އެންމެ އުނދަގޫ ބޮޑު މަޝްރޫއެވެ.
ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު "ހުރިހާ"އަށް މިއަދު ވިދާޅުވީ މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި މިހާތަނަށް ހިންގޭ ތޮށިލުމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.
"މިއީ މިރަށުގެ ހިމާޔަތަށް ހިންގޭ ވަރަށް ބޮޑު އަދި އެހާމެ މުހިންމު މަޝްރޫއެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި މަޝްރޫއު ވީހާ ވެސް އަވަހަކަށް ފެށިގެން ދިއުން،" އޭނާ ވިދާޅުވި އެވެ.
ނެދަލެންޑްސްގެ އެއިޑް އެޖެންސީ (އޯރިއޯ) އާއި ކުވައިތު ފަންޑުން ހަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ހަވީރު މި ރަށުގެ ދޫނޑިގަމު އަވަށު ގިރާ ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވަޑައިގަންނަވަ އެވެ.
ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ މިރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ނެދަލޭންޑްސްގެ އޯރިއޯ އިން 10.7 މިލިއަން ޑޮލަރުގެ އެހީ ދިނީ 2017 ވަނަ އަހަރު އެވެ.
ނޮވެމްބަރު 28، 2017 ގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. އޯރިއޯގެ ފަރާތުން ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަ ނެދަލެންޑްސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އިވާ ވާސަމް އެވެ.