ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ށ. ކޮމަންޑޫ އަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ރައީސް ޔާމިން ކޮމަންޑުއަށް މިއަދު ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އެގޮތުން ގިނަ ބަޔަކު ރައީސް ޔާމީންނަށް މަރުހަބާ ދެންނެވުމަށް އެ ރަށު ބަނދަރު ސަރަހައްދަށް ގިނަ ބަޔަކު ވަނީ ޖަމާވެފަ އެވެ.

ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގެންފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާއްދަ ކުރައްވާ ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕޭނަށެވެ.

މި ދަތުރުފުޅުގައި ކޮމަންޑޫގެ އިތުރުން ފޯކައިދޫ އާއި މަރޮށި އަދި ފުނަދޫ އަށް ވެސް ޔާމީން ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ފުނަދޫ އަށް ޔާމީން ވަޑައިގަންނަވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލާ ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނު ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުންނެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ އިތުރުން އެމްޑީޕީ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.