އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި މީހެއްގެ ހާލު ސީރިއަސްވެއްޖެ އެވެ.

އޭނާގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އެއަންހެން މީހާ ސިޒޭރިއަން ހެދީ މިދިޔަ މަހުގެ 23 ވަނަ ދުވަހުކަމަށެވެ. އަދި އޭގެ ފަހުން އޭނާގެ ހާލު ރަނގަޅު ނޫން ކަމަށާއި، މާލެ ގެންގޮސް އޭޑީކޭ އައިސީޔޫގައި ފަރުވާދެމުން ގެންދާކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ބުނާގޮތުގައި ދައްތަގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި، ދައްތަގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

ނަމަވެސް ސިޒޭރިއަން ހެދި ފަހުން ދައްތަގެ ހާލު ރަނގަޅު ނޫންކަމަށާއި، އޭގެ ފަހުން ސިޒޭރިއަން ހެދި ޑޮކްޓަރު ދައްތަގެ ހާލު ބަލާފައި ނުވާކަމަށް އޭނާ ބުނެ އެވެ. އަދި ސިޒޭރިއަން ހެދި ފަހުން ނޭވާލާން އުނދަގޫވިކަމަށާއި، އެކަން ނަރުހުންނަށް ހިއްސާކުރުމުން އެއީ ގޭސްޓްރިކް ވެގެން ކަމަށް ބުނި ކަމަށް އެ ޕޯސްޓުގައި ބުނެ އެވެ.

އޭނާ އިތުރަށް ބުނީ އޮޕަރޭޝަން ކުރުމަށް ފަހު ހަތަރުވަނަ ދުވަހު މާ ބޮޑަށް ބަނޑުގައި ރިއްސުމުން އެކަންވެސް އެހާ ބޮޑުކަމެއް ނޫން ކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ. އަދި އެއީ ގޮހޮރުގައި ބްލޮކެއް އުޅޭތީ ކަމަށާއި، ގޮހޮރު ސާފުކޮށްލުމުން އިތުރު ސާޖަރީއެއް ހަދަން ނުޖެހޭނެ ކަމަށް ވެސް ބުނި ކަމަށް އޭނާ ބުންޏެވެ.

ހަމައެހެންމެ އާއިލާއަށް ދޮގުހެދުމަށް ފަހު، ދައްތަ އައިސީޔޫގައި ގެންގުޅުނު ކަމަށާއި، އާއިލާއިން މާލެ ގެންދަން އުޅުމުން ދައްތަ ދޫކޮށްނުލާ ހިފަހައްޓަން އުޅުނު ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް ގެއަށް ދޫކުރުމުން މާލެ އައިސް އޭޑީކޭއަށް ދެއްކި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ސާޖަރީ ހަދަން ޑޮކްޓަރުން ބެލި ބެލުމުގައި އަންހެން މީހާގެ ގޮހޮރު ބުރި ނުވެ އިނީ ހަމަ ކިރިޔާ ކަމަށެވެ. އަދި އޭރު އެ އަންހެން މީހާގެ ބަނޑުގައި ދޮހާއި ފެން ހެދި ހާލު ސީރިއަސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މިފަދަ ކަންބޮޑުވާ އެތައް ކަމެއްގެ ވާހަކަ އޭޑީކޭއިން ބުނި ނަމަވެސް ދައްތަގެ ހާލު ރަނގަޅު ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނުން އޭނާ ވަނީ ކުށްވެރިކޮށްފަ އެވެ. މިކަމާއި ގުޅިގެން ހޮސްޕިޓަލުގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.